ދުނިޔެ

ސައޫދީގެ ތަހުތާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ކާކު؟

އަބްދުﷲ ރަސްގެފާނަށް މިހާރު 90 އަހަރުފުޅެވެ. ނިއުމޯނިއާގެ އާލާސްކަންފުޅާ އެކު ހާލުކޮޅު ދެރަވެފައިވާއިރު މިދިޔަ ހަފުތާ އިން ފެށިގެން ނޭވާފުޅު ލައްވަމުން ގެންދަވަނީ މެޝިނާއި ހޮޅީގެ އެހީގަ އެވެ.

ސައޫދީގެ ރަސްކަމާ 2005 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވި އަބްދުﷲގެ ހާލުކޮޅު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތަސް މިއީ ސައޫދީގެ ޝާހީ އާއިލާ ތެރޭގައި މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމެއް ނޫނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ އަބްދުﷲ އަށް ފަހު ރަސްކަމާ ހަވާލުވެވައިގަންނަވާނެ ބޭފުޅަކާ މެދު ސައުދު އާއިލާގެ ތެރޭގައި އުފެދިފައި އޮތް ދެ ބަސްވުމެވެ.

އަބްދުﷲ އަކީ ސައޫދީގެ ހަ ވަނަ ރަސްގެފާނެވެ. ތަހުތާ ދުރަށް އެ ބޭފުޅާ ވަޑައިގަންނަވާ ނަމަ އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ދެން ހުންނެވި ބޭފުޅަކީ، ވަލީ އަހުދު ސަލްމާނެވެ.

ސަލްމާން ވެސް އުޅުއްވަނީ އާލާސްކަންފުޅާ އެވެ. އެންމެ ބޮޑު އާލާސްކަންފުޅަކީ "މުސްކުޅި ބައްޔެވެ." ސަލްމާނަށް މިހާރު 79 އަހަރުފުޅެވެ.

ތަހުތާ އެންމެ ގާތުގައި ހުންނެވި މި ބޭފުޅާގެ ސިއްހަތު ވެސް ރަސްކަމަކަށް ތަން ނުދެއްވާ ކަމަށް ޝާހީ އާއިލާގެ އެތެރޭގައި ބަހުސް ކުރެވެމުންދާ ކަމަށް ރިޕޯޓް ލިބެ އެވެ. ފަހަރެއްގައި، އަބްދުﷲގެ އެންމެ ހަގު ކޮއްކޯފުޅު، މަގްރީން ތަހުތާ ދެ ވަނަ އަށް އެންމެ ގާތުގައި ހުންނެވީ މި ސަބަބާ ހެދި އެވެ.

ސަލްމާނަށް ފަހު ތަހުތު ވާރުތަވާ ފަރާތަކީ، އުމުރުން 69 އަހަރުގެ މަގްރީން ކަމަށް އަބްދުﷲ ރަސްގެފާނު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

ނަމަވެސް އަބްދުﷲގެ މި ހޮއްވެވުމާ މެދު ވެސް ސައުދު އާއިލާގެ އެތެރޭގައި އޮތީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެހެންވީމަ ވެގެން މި އުޅެނީ ކިހިނެތް ހެއްޔެވެ؟

މަގްރީން ބިން އަބްދުލް އަޒީޒަކީ، ކުރީގެ ރަސްގެފާނު އަބްދުލްއަޒީޒުގެ ބޭފުޅުންގެ ތެރެއިން 35 ވަނަ އެވެ. އަދި އެންމެ ހަގަށް ހުންނެވި ފިރިހެން ބޭފުޅާ އެވެ. މަގްރީން ލިބިވަޑައިގަތީ އަބްދުލްއަޒީޒުގެ 18 ވަނަ އަނބިކަނބަލުން ބަރާކާ އަލް ޔަމަނިއްޔާގެ ފަރާތްޕުޅުންނެވެ.

މަގްރީން އަށް ތަހުތު ހައްގު ނޫން ކަމަށް ބުނާ ބަހުސް ފެށެނީ އޭނާގެ މަންމައާ ހިސާބުންނެވެ. އެއީ ޔަމަންގެ އަންހެނެކެވެ. މި ސަބަބާ ގުޅިގެން ސައުދު އާއިލާގެ ގިނަ މެމްބަރުންގެ ވިސްނުމުގައި މަގްރީން އަކީ އަސްލު "ޕްރިންސެއް" ނޫނެވެ. މިހެން ބުނަން ޖެހޭ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ބުނެވޭ ގޮތުގައި މަގްރީންގެ މަންމާފުޅަކީ، ޔަމަނުން ސައޫދީ އަށް ގެނައި އަޅު އަންހެނެކެވެ. އަދި އަބްދުލްއަޒީޒަށް މަގްރީން ލިބިވަޑައިގަތީ ބަރާކާއާ ރަސްގެފާނު ކައިވެނި ވެސް ބައްލަވައި ވަޑައިގަތުމުގެ ކުރިން ހިންގެވި ގުޅުމަކުންނެވެ.

ދިރާސާކުރައްވާ ފަރާތްތަކުން ބުނާ ގޮތުން ނަމަ އަބްދުލްއަޒީޒާއި ބަރާކާ ކައިވެނި ބައްލަވައިގަތްކަމުގެ ރަސްމީ ލިޔެކިޔުމެއް ވެސް ފެންނާކަށް ނެތެވެ. ސައުދު އާއިލާ އިން މަގްރީނަށް ތަހުތު ނުދޭން އުޅޭ ސަބަބުތައް ލިޔެވިގެން ދަނީ މިފަދަ ގޮތަކަށެވެ.

މަގްރީން އަށް ތަހުތު ހައްގު ނުވާ ކަމަށް ސައުދު އާއިލާގެ މެމްބަރުން ދެކެނީ އޭނާގެ ވާހަކަ މިފަދަ ގޮތަކަށް ލިޔެވިގެންދާތީ އެވެ.

އަނެއްކޮޅުން ރަސްގެފާނު އަބްދުﷲ އަމުރު ނެރުއްވާފައިވާ ގޮތުން ނަމަ، މަގްރީން އަށް ތަހުތު ލިބިވަޑައިގަންނަވަނީ ވެސް މާ ކުރިންނެވެ. ތަހުތުގެ އޮރިޖިނަލް ސަފަށް ބަލާލާއިރު މަގްރީން ހުންނެވީ ފަސް ވަނައިގަ އެވެ. އެހެންވީމަ އަބްދުﷲގެ އަމުރަށް، މަގްރީން އަށް ވުރެ ދޮށީ ދެ ބޭފުޅުން މި ވަނީ ތަހުތާ ދުރައް ޖައްސަވައިފަ އެވެ.

ފާއިތުވި 60 ވަރަކަށް އަހަރު، ސައޫދީގެ ތަހުތު ވާރުތަވަމުން އައީ ބޭފުޅުންގެ އުމުރުފުޅަށް ބަލައިގެން އެންމެ ދޮށީ ބޭފުޅާ އަށް ތަހުތު ލިބިވަޑައިގަންނަވާ ގޮތަށެވެ.

ކޮންމެއަކަސް ތަހުތާ އެންމެ ގާތުގައި ތިއްބެވި ބޭފުޅުންގެ ސިއްހަތު އެކަމަށް ތަންނުދިނުމާ ގުޅިގެން މި ގަވާއިދު ބަދަލުވެފައިވާއިރު ސައޫދީގެ ރަސްކަން އަބްދުލްއަޒީޒުގެ ދެ ވަނަ ޖީލެއްގެ ދަރިކަލުންތަކެއްގެ އަތް މައްޗަށް އެރުމުގެ ފުރުސަތު ވެސް ދަނީ ބޮޑުވަމުންނެވެ.

އަބްދުﷲ ރަސްގެފާނަށް ފަހު ދެން ތަހުތާ ހަވާލުވެ ވަޑައިގަންނަވާނީ އަބްދުލްއަޒީޒުގެ ދަރިކަލުންގެ ތެރެއިން އެންމެ ފަހު ބޭފުޅާ ކަމަށް ބައެއް ފަރާތްތަކުން ދަނީ މިހާރު ވެސް ބުނަމުންނެވެ. އެއަށް ފަހު ދެން ތަހުތުން ފެނިވަޑައިގަންނަވާނީ އަބްދުލްއަޒީޒުގެ ކާފަ ދަރިކަލުންނެވެ.

ތަހުތުގެ ލައިންއަޕް މިހާރު އޮތް ގޮތުން ނަމަ، ތަހުތުގެ ވާރުތަވެރިންގެ ލިސްޓް ދެން ފެށިގެން ދާނީ ސަލްމާން ނުވަތަ މަގްރީންގެ އާއިލާގެ ތެރެއިންނެވެ. އަދި މި ބަދަލުތަކުގެ ތެރެއިން ވަކި ބަޔަކަށް ތަހުތާ ގާތްވެ ވަޑައިނުގެންނެވޭނެ ގޮތް ހެދުމުގެ ފުރުސަތު ވެސް ސައުދު އާއިލާގެ ތެރޭގައި ބޮޑުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.