ކުލަބް ގްރީން ސްޓްރީޓްސް

ގްރީންގެ ކޯޗަކަށް ނިޝްތާރު ހަމަޖައްސައިފި

ކުލަބު ގްރީން ސްޓްރީޓްސްގެ ހުސްވެފައިވާ ކޯޗްގެ މަގާމަށް، ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ކުރީގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ހަމަޖައްސައިފި އެވެ.

ގްރީންގެ ކޯޗްގެ މަގާމަށް، ނިޝްތާރު ހަމަޖެއްސީ ރޭ ޕީޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. ގްރީންގެ ކޯޗްގެ މަގާމު ހުސްވީ، އެ މަގާމުގައި މިދިޔަ ދެ އަހަރު ވަންދެން ހުރި ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން، ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމާ ހަވާލުވުމުންނެވެ.

ގްރީން އަކީ، ރާއްޖޭގެ އެންމެ މަތީ ލެވްލްގައި ނިޝްތާރު މަސައްކަތް ކުރާނެ ތިން ވަނަ ޓީމެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރި އއ. މާޅޮސް ޓީމުގަ އެވެ. މާޅޮސްއަށް އެއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ.

މިދިޔަ ދެ އަހަރު ނިޝްތާރު މަސައްކަތް ކުރީ ފޯކައިދޫގަ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް އޭނާ ހުރީ އެ ކުލަބުގެ ކޯޗް ކަމުގަ އެވެ. އޭނާ ވަނީ އެ ޓީމާއެކު މިއަހަރު ދިވެހި ޕްރިމިއާ ލިގްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިއަހަރު ދިވެހި ޕްރިމިއާ ލިގްގެ ގަދަ ހައެއްގެ ތެރެއަށް އެ ޓީމު ގެންގޮސްދިނެވެ.

އޭނާ ބުނީ، ހަތް މަސް ދުވަހު މުސާރަ ނުލިބި ފޯކައިދޫގެ ޓީމުން ހާސިލު ކޮށްފައި ވަނީ އިމްޕޮސިބަލް ކަމެއް ކަމަށެވެ.

"މުޅި ސީޒަނަށް ބަލައިފިއްޔާ މި ކުދިން އެޗީވް ކޮށްފައި މިއިނީ އިމްޕޮސިބަލް އެއްޗެއް،" ނިޝާތާރު އޭރު ބުނެފައި ވެ އެވެ. "ހަތެއް، އަށެއްގަ މަހު މުސާރަޔަކާ ނުލައި ކުޅެގެން ޓޮޕް ސިކްސްއަށް އެރީމަ ދެން ކުޅުންތެރިންނާ ދިމާލަށް ބުނެވޭނެ އެއްޗެއް ނެތް."