ކ. މާފުށީގައި އިސްލާހިއްޔާ ހިންގި ބިމުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މާފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ލިބިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
އަދި މި ހާދިސާ ހިނގުމާއެކު މާފުށީގައި ތިބި ކަރެކްޝަންގެ އޮފިސަރުންނާއި، ފުލުހުން އަދި އާންމުންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް އޭރު ގުދަނަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ކުޑަކުދިން އިސްލާހު ކުރުމަށް މާފުށީގައި ހިންގި އިސްލާހިއްޔާ ހުރި ބިމަކީ މިހާރު މާފުށީ ކައުންސިލް އިދާރާގެ ދަށުގައިވާ ތަނެކެވެ.
އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ފުލުހުން ވަނީ ފަށާފައެވެ.