ރިޕޯޓް

މެންބަރުން ވަކި ކުރާ ވޯޓެއް: ގަބޫލު އިސްލާހެއްތަ؟

ގާނޫނު އަސާސީގައި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބާރު އޮތް މިންވަރު ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވެއެވެ. ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައިވާ ގޮތުން ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ފެށެނީ އަދި އެ ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ. އެކަމަކު ގާނޫނު އަސާސީގެ އެ ރޫހާ އެއް ގޮތަށް ގާނޫނު އަސާސީގެ އެހެން މާއްދާތައް ފުރިހަމަ ކުރެވިފައިވޭ ހެއްޔެވެ؟

ރިޔާސީ ނިޒާމަކަށް ބައްޓަން ކޮށްފައިވާ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ނިޒާމު ހިންގުމުގައި ބޮޑު ދައުރެއް މަތިކޮށްފަ އެވެ. އެ މަޖިލީހަށް މަތިކޮށްފައި ވަނީ ހަމައެކަނި ގާނޫނު ހެދުމެއް ނޫނެވެ. ރައްޔިތުންގެ ވިންދާ އެއް ދައުލަތުގެ އެހެން ބާރުތަކުން އަމަލު ކުރަމުންދޭތޯ ބަލައި ޖަވާބުދާރީ ކުރުމުގެ ޒިންމާ އާއި ބާރު ވެސް އޮތީ މަޖިލީހަށެވެ. ކޮންމެ 5000 ރައްޔިތަކަށް މެންބަރަކު ތަމްސީލު ކުރެވޭ ގޮތަށް އެކުލެވިފައިވާ މަޖިލީހަށެވެ.

ދައުލަތުގެ މިނިވަން ކޮމިޝަންތަކާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު މަޖިލީހަށް ދީފައިވެ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާ ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ފެންނަ ހިނދެއްގައި އެ މީހަކު އަޒުލު ކުރުމުގެ ބާރު ވެސް އޮތީ މަޖިލީހަށެވެ.

މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ވަކިކުރާ ސަބަބު ބަޔާންކޮށް ރައީސްގެ މަގާމުން ވަކިކުރުގެ ގަރާރު ހުށަހެޅުއްވުމުން އެ މައްސަލަ ކުރިއަށް ދާނެ އެވެ. އެ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ ފަރާތުން ބާރުތައް ފެށެންޏާ ރައްޔިތުންނަށް ކަމުނުދިޔައިމަ ވަކި ކުރުމުގެ ބާރު ވެސް ރައްޔިތުންނަށް ލިބެން ޖެހޭ
ހަމްޒާ ހަލީލް | އެމްޕީ ރީކޯލް އެކްޓް ޑްރާފްޓް ކުރެއްވި ވަކީލް

ގާނޫނު އަސާސީން މަޖިލީހަށް މިފަދަ ބޮޑެތި މަސްއޫލިއްޔަތުތަކާއި ބާރުތައް މަތިކޮށްފައިވާއިރު، މަޖިލީހުގެ މެންބަރުން އަމަލު ކުރުން ލާޒިމުކޮށްފައި އޮންނަނީ އިންތިހާބު ކުރާ ދާއިރާގެ މެންބަރުންގެ ވިސްނުމާއި ވިންދާ އެއް ގޮތަށެވެ. އެކަމަކު އެ ގޮތަށް މެންބަރަކު އަމަލު ނުކޮށްފިނަމަ ދައުރުގެ މެދު ތެރެއިން ވަކި ކުރެވޭނެ ގޮތެއް ނެތެވެ. އެެހެންވީއިރު، ގާނޫނު އަސާސީގައި މަޖިލީހުގެ މެންބަރަކު ވަކި ކުރެވޭ މާއްދާތައް އަދި އެ އޮތީ ގާނޫނު އަސާސީގެ ރޫހާ އެއް ގޮތަށް ހެއްޔެވެ؟

"އެމްޕީ ރިކޯލް އެކްޓް" އެއްގެ ވިސްނުން

އާންމު ގޮތެއްގައި މި ބަހުސްގެ އަޑު ގަދަވަނީ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ. ރައްޔިތުންގެ ވިސްނުމަށްވުރެ ނުފޫޒާއި ބާރުގަދަ ސިޔާސީ ވެރިންނާއި ވިޔަފާރިވެރިން ބޭނުންވާ ގޮތަށް މެންބަރުން ގާނޫނުތައް ފާސްކުރާ ވާހަކަ އެވެ. ފައިސާއަށާއި އަމިއްލަ މަސްލަހަތަށް އިންތިހާބު ކުރާ ޕާޓީ ނުވަތަ ފިކުރު ބަދަލު ކުރާ ވާހަކަ އެވެ. ކޮންމެ ގޮތަކަށް މެންބަރަކު އަމަލު ކުރިޔަސް ވަކި ނުކުރެވޭތީ އޮންނަ ކަންބޮޑުވުންތަކެވެ. ރައްޔިތުންނަށް އޮންނަނީ އަނެއް އިންތިހާބު އަންނަން އިންތިޒާރު ކުރުން އެކަންޏެވެ.

މަޖިލީހުގެ މިދިޔަ އިންތިހާބުގައި ވެސް އެ އަޑުގަދަ އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވާދަކުރައްވައި ގަލޮޅު އުތުރު ދާއިރާއިން ނާކާމިޔާބުވެ ވަޑައިގެންނެވި ގާނޫނީ ވަކީލް ހަމްޒާ ހަލީލަކީ އެ ވާހަކަ އެންމެ ގިނައިން ދެއްކެވި އެކަކެވެ. މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، ދައުރުގެ މެދު ތެރެއިން މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭނެ ގޮތުގެ އުސޫލެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭގެ ބިލެއް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބަށް ފަހުގައި ވެސް އަލުން މިފަދަ ބިލެއްގެ ވާހަކަ އައިސްގެން އުޅެނީ ގާނޫނީ ވަކީލް ހަމްޒާ އެ މަސައްކަތް ކުރައްވައި އޭގެ ބިލެއް ޑްރާފްޓް ކުރެއްވުމުންނެވެ. މަޖިލީހުގެ މެންބަރަކު އެ ގޮތަށް ވަކި ކުރެވޭނެ އުސޫލެއް ގާއިމު ކުރެވެން އަންނަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންނެވެ.

ގާނޫނު އަސާސީގެ 77 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުން ވަކި ކުރެވޭނެ ހާލަތްތަކާއި ގޮތްތައް ބަޔާން ކޮށްފައިވެ އެވެ. މެންބަރަކު މަގާމުން ވަކި ކުރެވޭނީ އޭނާގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ. ނުވަތަ ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވެ ހުކުމާ އެއް ގޮތަށް އެ ދަރަންޏެއް ދައްކަމުން ނުދިއުމެވެ. އެ ހާލަތްތަކުގައި މެންބަރަކު ވަކި ކުރެވޭނީ އެ ކަން ސާބިތުކޮށް ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމުންނެވެ.

ހަމްޒާ ޑްރާފްޓް ކުރެއްވި ބިލުގައި ވަނީ ގާނޫނު އަސާސީގެ އެ މައްދާއަށް މެންބަރުން ވަކި ކުރެވޭނެ އިތުރު ގޮތެއް ބަޔާންކޮށްފަ އެވެ. ދައުރުގެ މެދު ތެރެއިން މެންބަރަކު ވަކި ކުރަން ބޭނުންވާނަމަ، އިންތިހާބު ކުރާ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މީހުން ސޮއި ކޮށްފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން، އެ ލިޔުމެއް ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި އެ މެންބަރަކު ވަކި ކުރުމަށް ރުހޭތޯ ބަލަން އެ ދާއިރާގެ މީހުންގެ މެދުގައި އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށެވެ.

މިފަދަ ބިލަކަށް މެންބަރުންގެ ތާއީދު ލިބޭނެތަ؟

މިފަދަ ބިލެއް ޑްރާފްޓް ކުރި ނަމަވެސް މަޖިލީހަށް އެ ބިލެއް ހުށަހެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ. މަޖިލީހަށް ބިލު ހުށަހެޅެނީ މަޖިލީހުގެ މެންބަރަކު އެ ބިލެއް ސްޕޮންސާ ކޮށްގެންނެވެ. ސަރުކާރުގެ ފަރާތުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ބިލު ހުށަހަޅާއިރު ވެސް މެންބަރަކު އެ ބިލެއް ސްޕޮންސާ ކުރަން ޖެހެ އެވެ. ހަމްޒާގެ ބިލު ވެސް މަޖިލީހަށް ވައްދަން މެންބަރަކު އެ ބިލް ސްޕޮންސާ ކުރަން ޖެހޭނެ އެވެ.

ހަމްޒާ ވިދާޅުވި ގޮތުގައި މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި އޭނާ ނިސްބަތްވާ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ މެދުވެރިކޮށް ބިލު މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. އެކަމަށްޓަކައި އެހެން ބައެއް މެންބަރުންނާ ވެސް މިހާތަނަށް މަޝްވަރާ ކުރެވިފައިވެ އެވެ.

"އެހެން މެންބަރަކު މެދުވެރިކޮށް ވެސް މި ބިލް ހުށަހެޅުމަށް އެބަ މަސައްކަތް ކުރަން، މިހާތަނަށް ވެސް ބައެއް މެންބަރުންނާ ވާހަކަ ދެއްކިއިރު އެބަ ހުރި ބައެއް މެންބަރުން ޝައުގުވެރިކަން ފާޅުކޮށްފައި، އެ ކަމަށްޓަކައި މިދަނީ މަސައްކަތް ކުރަމުން ހަމަ،" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާގެ ބިލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލަކަށް ވާއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނެވެނީ މަޖިލީހުގެ މެންބަރުންގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ރައްޔިތުންނަށް އެ ރައްޔިތުންގެ މެންބަރުން ޒިންމާދާރު ކުރެވޭނެ ވަކި ގޮތެއް އެބަ ޖެހޭ އޮންނަން، އެއީ ބޭނުންތެރި ކަމެއް
އަލީ އާޒިމް | އެމްޑީޕީގެ ޕީޖީ ލީޑަރު

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 65 މެންބަރުން ތިއްބަވަ އެވެ. އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވީ 22 މެންބަރުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ގާނޫނު އަސާސީ އިސްލާހު ކުރަން ފާސް ކުރެވޭނެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިން ޒިންމާދާރު ކުރެވޭ ބީދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮންމެ ވެސް އުސޫލުތަކެއްގެ ތެރެއިން ޒިންމާދާރު ކުރެވެން ޖެހޭނެ ބައެކެވެ. އެހެންކަމުން އާޒިމްގެ ނަޒަރުގައި އެއީ އަންްނަން ޖެހޭ ބިލެކެވެ.

"އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް، ރައްޔިތުންނަށް އެ ރައްޔިތުންގެ މެންބަރުން ޒިންމާދާރު ކުރެވޭނެ ވަކި ގޮތެއް އެބަ ޖެހޭ އޮންނަން، އެ ކަމަށް އެންމެ ރަނގަޅު އެއް ގޮތް ތިއީ، މެންބަރަކު އިންތިހާބު ކުރާ ދާއިރާގެ ރައްޔިތުންނަށް އެ މެންބަރަކު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރެވެން ވާނެ،" އާޒިމް ވިދާޅުވި އެވެ

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އޮންނަ އުސޫލުތަކުގެ ތެރެއިން މެންބަރުން ބަހުސް ކޮށް ކޮމިޓީއަކަށް ގޮސް ބިލަށް އިސްލާހު ގެންނަން ޖެހޭނަމަ އެ ކަމެއް ކުރެވިދާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ ބޭނުންތެރި ބިލެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެކަމަކު ބިލް ސްޕޮންސާ ކުރުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން އަދި މަޖިލީހުގެ ގިނަ މެންބަރުން ވެސް އެފަދަ އިސްލާހުތަކަށް ތާއީދު ކުރައްވާނެ އެވެ. އެކަމަކު އެމްޑީޕީން ކަންކަން ނިންމާނީ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާކޮށް ގިނަ މެންބަރުންނަށް އެއްބަސްވެވަޑައިގަންނަވާ ގޮތަކަށެވެ.

މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް މީގެ ކުރިން ވަނީ މަޖިލީހުގެ މެންބަރުން ޒިންމާދާރު ކުރެވޭނެ ހަމަތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ސިޔާސީ ބައެއް އިސް ބޭފުޅުން އެފަދަ ވާހަކަތައް ދެއްކެވި އެވެ.

މަޖިލީހުގެ މެންބަރުން ޒިންމާދާރުވާނެ ގޮތްތަކަކާއެކު ރައްޔިތުންނަށް ތަފާތު ދައްކާނެ ކަމަށް ވައުދުވެ އިންތިހާބު ވެގެން އައިސް އޮތް 19 މަޖިލީހަށް މިފަދަ ތަފާތެއް ދެއްކޭނެ ހެއްޔެވެ؟ މާއްދާ ހަތަރެއްގެ ބާރު ދޭން މާއްދާ ހަތްދިހަ ހަތެއް އިސްލާހު ކުރާނެ ހެއްޔެވެ؟