ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުން ސިޔާސީ ނުފޫޒަށް ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވެ އެ ބިލާމެދު ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އިއްވާފަ އެވެ.
ހަސަން ހުށައަޅުއްވާފައިވާ ބިލާއެކު ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަކީ އެއްވެސް ނުފޫޒެއް ނެތި، އުސޫލުގެ ތެރެއިން ހިދުމަތް ކުރެވޭ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް މަޖިލީހަށް މިހާރު ހުށައެޅިފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުން އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ހުޅުވިގެންދާ ކަމަށެވެ. އެހެން ކަމުން އެއީ ނުފޫޒެއް ނެތި މަސައްކަތް ކުރުމަށް ފުލުހުންނަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ބިލަކީ ފުލުހުންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ހަރުދަނާ އުސޫލުތައް ނެތިކޮށްލުމަށް ހުށައަޅާފައިވާ ބިލެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލު ހުށައެޅުމުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް ފުލުހުންގެ އިދާރާ ސިޔާސީ ކޮށްލުން ކަމަށާއި ފުލުހުންގެ މުއައްސަސާގައި ތިބި ދުވަސްވީ ހިދުމަތްތެރިން އެ މުއައްސަސާއިން ބޭރުކޮށް ވަކި ބަޔަކަށް އެ މުއައްސަސާގެ ކޮންޓްރޯލް ދިނުން ކަމަށެވެ.
"މިހާރު އެ ގެންނަން ގާނޫނު އައުމުން މި ހުރިހާ ދުވަހު އެތަނުގައި [ފުލުހުންގެ އިދާރާ] ހިނގަމުންދިޔަ ހުރިހާ ރަނގަޅު އުސޫލުތަކެއް، އަސާސްތަކެއް އެ ތަނުން ނެތިގެން އެ ދިޔައީ. މުޅި ތަން ސިޔާސީ ވާނެ، މުޅި މުއައްސަސާ ސިޔާސީ ވެގެން އެދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަކަށް ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކަށް މުޅި އެތަނުގެ ހުރިހާ ވަޒީފާތަކެއް ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ބާރު އެ އިސްލާހުން އެ ދެނީ." ޝިޔާމް ވިދާޅުވިއެވެ.