މި އަހަރަށް ކަނޑަޅާފައިވާ ބަޖެޓުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބު ތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކުރި މި އަހަރުގެ ފަސް ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިނިސްޓްރީ ތަކާއި މިނިވަން މުވައްސަސާތައް ހިމެނޭ ގޮތަށް ބަޖެޓުން ހުރި ހޭދަ އުޅެނީ 1.7 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު ބަޖެޓުން އެ މުއްދަތުގައި 2.2 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
މި އަހަރު މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ނެވެ. އެ މިނިސްޓްރީންއަށް މި އަހަރު 3.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ. އެ މިނިސްޓްރީން ފަސް ހަފުތާތެރޭ 232.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަ ކުރީ 297 މިލިއަން ރުފިޔާ އެވެ.
ފިނޭންސުގެ ހިސާބުތައް ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން ދެވަނަ އަށް ބަޖެޓުން އެންމެ ބޮޑަށް ހޭދަކޮށްފައި ވަނީ ހެލްތް މިނިސްޓްރީންނެވެ. ހެލްތުގެ މި އަހަރުގެ ބަޖެޓަށް 2.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ މިނިސްޓްރީން މިހާތަނަށް 172.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރު އެ މިނިސްޓްރީގެ ހޭދަ މި މުއްދަތުގައި އުޅެނީ 126 މިލިއަން ރުފިޔާގަ އެވެ.
ދެން އެންމެ ބޮޑު ހޭދައެއް ބަޖެޓުން ކުރީ ފުލުހުންނެވެ. ފުލުހުންގެ ހިދުމަތަށް މި އަހަރު 1.6 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެ އެވެ. މި އަހަރުގެ މި ހާތަނަށް ހޭދަ ކޮށްފައި ވަނީ 83 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ހޭދަ އުޅެނީ 85 މިލިއަން ރުފިޔާގަ އެވެ.
ސިފައިންގެ ހިދުމަތަށް 1.3 ބިލިއަން ރުފިޔާ ކަނޑައެޅިއިރު މިހާތަނަށް 76 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ހޭދައަކީ 94 މިލިއަން ރުފިޔާ އެވެ. އަދި ފޮރިން މިނިސްޓްރީއަށް މި އަހަރުގެ ބަޖެޓުން 331.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް 64 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރީ 35 މިލިއަން ރުފިޔާ އެވެ.
ވުޒާރާތަކުގެ ފަސް ހަފުތާގެ ހޭދަ ކުރުކޮށް
- ޖުމްލަ ހޭދަ 1.7 ބިލިއަން ރުފިޔާ
- އެޑިއުކޭޝަން މިނިސްޓްރީ 232.5 މިލިއަން ރުފިޔާ
- ހެލްތް މިނިސްޓްރީ 172.4 މިލިއަން ރުފިޔާ
- ފުލުހުން 83 މިލިއަން ރުފިޔާ
- ސިފައިންނަށް 76 ބިލިއަން ރުފިޔާ
- ފޮރިން މިނިސްޓްރީ 64 މިލިއަން ރުފިޔާ
ސަރުކާރުން މި އަހަރަށް 36 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވެ އެވެ. މިހާތަނަށް ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.