ދުނިޔެ

ލަންކާގެ ސިފައިންގެ ވެރިޔާ އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ކޮލޮމްބޯ (ފެބްރުއަރީ 15) - ސްރީލަންކާގައި ކުރި ދާހިލީ ހަނގުރާމައިގެ ތެރެއިން އާންމުން މެރުމާއި އިންސާނީ ހައްގުތަކަށް އަރައިގެންކަމުގެ ތުހުމަތުގައި، ލަންކާގެ ސިފައިންގެ ވެރިޔާ ޔުޓެނަންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ، އެމެރިކާއަށް އެތެރެ ނުވެވޭ ގޮތަށް އޭނާ ބްލެކް ލިސްޓު ކޮށްފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރެއިން އާންމުން މެރުން ފަދަ ބޮޑެތި ޖަރީމާތަކުގައި ޝަވެންދުރަ ސިލްވާ އަދާކުރި ދައުރާ ގުޅިގެން އޭނާ އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައިވާ ކަމަށެވެ.

"ހަނގުރާމައިގެ ތެރެއިން ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެމެރިކާއިން ފަސް ނުޖެހެނޭ،" ޕޮމްޕިއޯ އިތުރަށް ވިދާޅުވި އެވެ.

ޝަވެންދުރަ ސިލްވާގެ އިތުރުން އޭނާގެ އާއިލާ މެންބަރުންނަށް އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

އިއްޔެ އެޅި ފިޔަވަޅާ ގުޅިގެން، ދެވަނަ ވިސްނުމަކަށް ދިޔުމަށް ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާއަށް އިލްތިމާސް ކޮށްފަ އެވެ. ލަންކާ ސަރުކާރުން ބުނީ ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅެއް އެޅުމަކީ އިންސާފެއް ނޫން ކަމަށެވެ.

މިދިޔަ އޯގަސްޓް މަހު ލަންކާގެ ސިފައިންގެ ވެރިޔާގެ މަގާމަށް ސިލްވާ އައްޔަން ކުރުމާއެކު އެމެރިކާގެ އިތުރުން، އދ. އިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭގެ ފަހުން، އދ. އަމަން ބަލަހައްޓާ ފައުޖުގައި ލަންކާ ސިފައިން ބައިވެރި ނުކުރަން ވަނީ ނިންމައިފަ އެވެ.

ތަމަޅަ ޓައިގަރުންގެ ހަނގުރާމަވެރިންނާ ދެކޮޅަށް 26 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ސަރުކާރުން ކާމިޔާބުކުރީ 2009 ވަނަ އަހަރެވެ. އެ ހަނގުރާމައިގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 20،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.

ހަނގުރާމައިގެ ފަހު ދުވަސްވަރު، ސިލްވާ އިސްވެ، އާންމުންނަށް އަނިޔާކޮށް، އެތަކެއް ސަތޭކަ މީހުން މަރާލާފައިވާކަމަށް އދ. އިން ވަނީ ތުހުމަތުކޮށްފަ އެވެ.