ހަބަރު

"އެމްޑީޕީއަށް ކައުންސިލްތައް ދީފިނަމަ ކުރާނީ ހުދުމުހުތާރު ވެރިކަމެއް"

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ކައުންސިލްތައް ދީފިނަމަ ހުދުމުހުތާރު ވެރިކަމަށް އެ ޕާޓީގެ ލީޑާޝީޕުން މިސްރާބު ޖަހާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތައް ތަތްކުރުމުގެ ރަސްމިއްޔާތެއްގައި ކައުންސިލް އިންތިހާބުގައި ވެސް އެ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކައިގެ ހަބަރެއް ހިއްސާ ކުރައްވަމުން ޝަރީފު ވިދާޅުވީ އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދައި ތިން ބާރު މަސްހުނި ކުރަމުންދާ ކަމަށެވެ.

"ގިނަ ވައުދުތައް ނުފުއްދި، މިނިމަމް ވޭޖް ކަނޑަނޭޅި، ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް، ބައެއް ސަބްޖެކްޓްސް ހުއްޓާލައި، ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެނޭ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން ބާރު މަސްހުނި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ލޯކަލް ކައުންސިލްތައް ވެސް ސަރުކާރަށް ނޫނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ދީފިނަމަ އެ ޕާޓީން ހުދުމުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާނެ ކަން ރައްޔިތުން ދަންނާނެ ކަމަށެވެ.

ޝަރީފު ކުރެއްވި ޓްވީޓް

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 މީހުން އިންތިހާބު ކުރާއިރު، އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީ އާއި އިިދިކޮޅު ކޯލިޝަންގެ ޕީޕީއެމް އިން ވަނީ ޕްރައިމަރީއެއް ބާއްވާފަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލާފަ އެވެ.