ބޮލީވުޑް

އިރްފާންގެ އާ ފިލްމަށް ބޮލީވުޑް ތަރިންގެ ލޯބި

އިރްފާން ޚާންގެ އާ ފިލްމު "އަންގްރޭޒީ މީޑިއަމް" ގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު ޓްރެއިލާ ރިލީޒް ކުރުމުގެ އިވެންޓަށް އޭނާއަށް ދެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން އިރްފާން ވަނީ ރެކޯޑް ކޮށްފައިވާ ވީޑީއޯއެއްގައި ޒަރިއްޔާއިން އޭނާގެ އިހްސާސްތައް ހާމަކޮށްފަ އެވެ.

މި ވީޑީއޯގައި އިރްފާން ބުނަނީ އޭނާގެ ސިއްހީ ހާލަތު ތަން ނުދޭތީ ފިލްމު ޕްރޮމޯޓް ނުކުރެވުނީ ކަމަށާއި މި ފިލްމު އުފައްދާފައި ވަނީ ވަރަށް ޕޮޒިޓިވް އެއްޗެއްގެ ގޮތުގަ ކަމަށެވެ. މި ފިލްމު ބަލާއިރު ހެއްވާލައި، ރޮއްވާލައި އަނެއްކާވެސް ހެއްވާލާނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ. މި ފިލްމު އެންމެންވެސް ބެލުމަށާއި އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށާއި އޭނާއަށް އިންތިޒާރު ކުރުމަށް ވެސް އިރްފާން އެދިފައި ވެއެވެ.

އިރްފާންގެ ވީޑިއޯ މެސެޖާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އޭނާއަށް އެމީހުންގެ ހިތުގައިވާ ލޯބި ވަރަށް ފުރިހަމައަށް ހާމަކޮށްފަ އެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އިރްފާނަށް އަވަސް ޝިފާއަކަށް އެދިފައި ވެސް ވެއެވެ.
އިރްފާންގެ ވީޑިއޯއަށް އެންމެ ފުރަތަމަ އިޖާބަދީ ޓުވީޓްކުރީ ރިތިކް ރޯޝަން އެވެ. ރިތިކްގެ ޓުވީޓްގައި ލިޔެފައިވާ ގޮތުގައި އޭނާގެ މެސެޖަކީ ވަރަށް ހިތަށް އަސަރުކުރުވި މެސެޖެކެވެ.

"އަހަރެންގެ ހެޔޮ ދުއާ އާއި ލޯބި ވަނީ ތިބާ އާއެކު. އިރްފާން. ތިއީ އަޖައިބެއްކަހަލަ މޮޅު އެކްޓަރެއް. އަދި މި ފިލްމު ހީވަނީ ވަރަށް ޚާއްސަ ފިލްމެއް ހެން. އެ ފިލްމަށް އިންތިޒާރު އެބަ ކުރަން. އަދި ތިބާއަށް ވެސް އިންތިޒާރު ކުރަން،" ރިތިކް ލިޔެފައި ވެއެވެ.

ޝާހިދު ކަޕޫރާއި ވަރުން ދަވަން އަދި އަޔުޝްމާން ކުރާނާ އާއި ޔަމީ ގޯތަމް ވެސް ހަމަ މި މޭރުމުން އިރްފާނަށް ހިތްވަރާއި ލޯބި ދީ މެސެޖްތައް ޓުވީޓްކޮށްފައި ވެއެވެ.

މާޗް 20، 2020 ގައި ރިލީޒްކުރާ "އަންގްރޭޒީ މީޑިއަމް" އަކީ ހޯމީ އަޑަޖާނިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި އިރްފާންގެ އިތުރުން ކަރީނާ ކަޕޫރު، ރާދިކާ މަދަން، ޑިމްޕަލް ކަޕާޑިއާ، ޕަންކަޖު ޓްރިޕާތީ ފަދަ ތަރިން ބައިވެރިވެ އެވެ.