ބޮލީވުޑް

މަންމަގެ ގުރުބާނީ ބައްޕަ ބަލައެއް ނުގަނޭ: ބާބިލް

ވަރަށް ފަހުން މި ދުނިޔެއަށް އަލްވަދާއުކީ ބޮލިވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް އަކީ އޭނާގެ ހިތުގައި އޮންނަ ކޮންމެ ވާހަކައެއް ވެސް ސިއްރު ނުކޮށް ހާމަކުރާ މީހެކެވެ. ދާދިފަހުން އޭނާ ވަނީ އޭނާގެ މަންމަ އިރްފާނަށްޓަކައި ވީ ގުރުބާނީގެ ވާހަކަތައް ކިޔައިދީފަ އެވެ.

ސީކިއު މަޖައްލާއަށް ދީފައިވާ އިންޓަވިއު އެއްގައި ބާބިލް ބުނި ގޮތުގައި އޭނާގެ މަންމަ ސުޓާޕާ ވަނި އޭނާގެ ބައްޕަގެ އުންމީދުތަކާއި ކެރިއަރަށްޓަކައި އަމިއްލަ ކެރިއަރު ގުރުބާންކޮށް ދަރިން ބަލަން ގޭގައި މަޑުކޮށްފަ އެވެ.

"މަންމަ ކެރިއަރު ގުރުބާންކުރީ އަހަރެން ބަލާ ބޮޑުކުރުމަށް. އަދި ބައްޕަގެ ފިލްމީ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާތޯ ޔަގީން ކުރުމަށް. މަންމައަކީ އޭނާގެ ކެރިއަރުގައި ވަރަށް ބާރަށް ކުރިއަރަމުންދިޔަ މީހެއް. އެފަދަ މީހަކަށް ކެރިއަރު ދޫކޮށްލާފައި ގޭގައި ދަރިން ބަލަން އިނުން އެއީ ވެވޭނެ ވަރަށް ބޮޑު ގުރުބާނީއެއް. އަހަރެން ގަބޫލުކުރާ ގޮތުގައި މަންމަވީ ގުރުބާނީ ބައްޕައެއް ބަލައެއް ނުގަނޭ. އަދި އެ ގުރުބާނީގެ ކްރެޑިޓް ދުވަހަކުވެސް ބައްޕައެއް މަންމައަކަށްނުދޭ،" ބާބިލް ބުނެފައި ވެއެވެ.

ބާބިލް ބުނި ގޮތުގައި އިރްފާން އަށް އޭނާގެ އަންހެނުން އޭނާއަށްޓަކައި ވީ ގުރުބާނީތައް ވިސްނުނީ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު އެވެ.

"ބައްޕަ ބަލިވެގެން މަރުވުމާ ދޭތެރޭ އެ ހޭދަވީ ދުވަސްތަކުގައި ބައްޕައަށް އިހްސާސްވީ ބައްޕަގެ ކާމިޔާބީއަށްޓަކައި މަންމަ ވީ ކިހާ ވަރެއްގެ ގުރުބާނީއެއް ކަން،" ބާބިލް ބުންޏެވެ.

އިންޑިޔާގައި އުފެދުނު އެންމެ ހުނަރުވެރި އެއް އެކްޓަރު އިރްފާން މި ދުނިޔެއަށް އަލްވަދާއުކީ 2020 ގެ އޭޕްރީލް މަހު އެވެ. އޭނާ މަރުވީ ކެންސަރު ބަލީގައި ގިނަ ދުވަސް ތަކަކު އުޅުމަށް ފަހުގަ އެވެ. އިރްފާންގެ އެންމެ ފަހު ފިލްމަކީ "އަންގްރޭޒީ މީޑިއަމް" އެވެ.