ވިޔަފާރި

މެންގޯ ބްރޭންޑުގެ ފިހާރައެއް މާލޭގައި ހުޅުވަނީ

Feb 16, 2020

ދުނިޔެ އަށް މަޝްހޫރު އަންނައުނު ބްރޭންޑް މެންގޯގެ ފިހާރައެއް މާލޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ. މެންގޯ ފިހާރަ ހުޅުވަނީ ރާއްޖޭގެ ސޮނީއިންނެވެ.

ސޮނީ ސްޕޯޓްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު މައުމޫން އަބްދުﷲ އަވަސް އަށް މިއަދު ވިދާޅުވީ މި ފިހާރަ ހުޅުވަން މަސައްކަތް ކުރަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށާ ރާއްޖޭގައި ހުޅުވަނީ "މެންގޯ ވިމެންސް" ގެ ފިހާރައެއް ކަމަށެވެ.

"ހަމައެކަނި އަންހެނުންނަށް ހާއްސަ އަންނައުނު ލިބޭ ފިހާރައެއް ހުޅުވަނީ މި ފުރަތަމަ،" މައުމޫން ވިދާޅުވި އެވެ.

މެންގޯ ފިހާރަ ހުޅުވަނީ މަޖީދީ މަގުގައި ކުރިން ސޮނީ ހާޑްވެއާ ޕްރޮފެޝަނަލް ހިންގި އިމާރާތުގަ އެވެ.

މައުމޫން ވިދާޅުވީ މެންގޯގެ އެ ފިހާރާގައި އަންހެނުންގެ އަންނައުނުގެ ފުލް ރޭންޖް ލިބެން ހުންނާނެ ކަމަށާ، އަދި އަގުތައް ވެސް ރީޒަނަބަލް ވާނެ ކަމަށެވެ.

"ފޯމަލް ޑްރެސް ވެސް ލިބެން ހުންނާނެ. ފުލް ރޭންޖް އެ ތަނުން ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

މެންގޯއަކީ 1984 ވަނަ އަހަރު އުފެދުނު ސްޕެއިންގެ އަންނައުނު ބްރޭންޑެކެވެ. މި ބްރޭންޑުގެ ފިހާރަތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ. މި ބްރޭންޑް ހާއްސަ ވަނީ މިޑުލް ރޭންޖުގެ އުފެއްދުންތައް ވިއްކާ ބްރޭންޑެއްގެ ގޮތުގަ އެވެ.

ސޮނީ ސްޕޯޓްސް އިން މެންގޯގެ ފިހާރައެއް ހުޅުވާއިރު، އެ ކުންފުނިން ދާދިފަހުން ވަނީ ލިވައިޒް ބްރޭންޑުގެ ފިހާރައެއް ވެސް ހުޅުވާފަ އެވެ. އަދި ސޮނީއަކީ ކުޅިވަރުގެ ބްރޭންޑުތައް ވިއްކާ ފިހާރަ އެކެވެ.