ހަބަރު

ބިލުގައި ވަޒީފާގެ ޕްރޮބޭޝަން މުއްދަތު އިތުރުކުރާތީ ކަންބޮޑުވުންތައް

ވަޒީފާގައި ވަގުތީ ގޮތުން ބެހެއްޓޭނެ ނުވަތަ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކީ ދިގުވެގެން ހަ މަސް ދުވަސް ކަމަށް ކަނޑައަޅާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށް ވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ސަލާމުގެ މުއްދަތާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާން ކުރާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އިސްލާހުގައިވާ ގޮތުން ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަން ޖެހެ އެވެ. އެ ނޫން ގޮތަކަށް ސަމާލު ޗުއްޓީއެއް ނުގެނޭ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ކަނޑައަޅާފައި އޮންނަނީ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ. އަދި ސަލާމުގެ ޗުއްޓީ ނެގުމަށް ކުރިން އިންނަނީ ޖެހިޖެހިގެން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅާ ގޮތަށެވެ.

ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތު އިތުރު ކުރާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، ބަލި ސަލާން ބުނާ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ލާޒިމުކޮށް ގާނޫނަށް އިސްލާހު ހުށަހެޅުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާ ފަރާތްތަކުން ބުނަމުންދާ ގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ވަޒީފާ އަދާ ކުރާ މީހުންގެ ހާލަތު މިހާރަށް ވުރެ ގޯސް ވެގެން ދާނެ އެވެ. ޕްރޮބޭޝަންގެ މުއްދަތު އިތުރުކޮށްފައި އޮތުމުން ގިނަ މީހުނަށް ދާއިމީ ވަޒީފާ ހޯދަން ދަތިވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

މި އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދަޅުވީ އެ ބަދަލަކީ މަސްކަތްތެރިން މިހާރަށް ވުރެ ވެސް ނިކަމެތިވާނެ ކަމަށާއި ބައެއް ތަންތަނުގައި މިހާރު ވެސް ތިން މަހަށްވުރެ ގިނަ ދުވަސްވަން ދެން ދާއިމީނުކޮށް މަސައްކަތް ކުރުވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލެއް ހުށަހެޅީ، ވަޒީފާ އަދާ ކުރީ މީހުނަށް އެންމެ ދަށްވެގެން މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ އަދަދެއް ކަނޑައެޅުން ގާނޫނުގައި ލާޒިމު ކުރުމަށެވެ. އެކަމަކު ބިލުގައިވާ ގޮތުން އެ އަދަދު ކަނޑައެޅުމުގެ ބާރު އޮތީ އިކޮނޮމިކް މިނިސްޓަރަށެވެ. އެ ކަމާ ގުޅިގެން ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.