ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ހަމަ ކޮށްފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އެ ޕާޓީގެ ކެމްޕޭން ލޯންޗު ކުރުން އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ
ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަން އެ ޕާޓީގެ ޕްރައިމަރީ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބާއްވާފަ އެވެ. ނަމަވެސް ބައެއް ރަށްތަކުގެ ކައުންސިލްގެ ގޮނޑިތަކަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އޭރު ކުރިމަތިލާފައެއް ނުވެ އެވެ.
އެމްޑީޕީން ބުނެފައި ވަނީ، އެއްވެސް މެންބަރަކު ކުރިމަތި ނުލާ ހުރި ކައުންސިލްތަކުގެ ގޮނޑިތަކަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓުން ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ޕާޓީގެ އަމާޒަކީ ހުރިހާ ގޮނޑިއަކަށް ވާދަ ކުރުން ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ ރަށްރަށުގެ ގޮފިތަކާއި ދާއިރާތަކުގެ އިސް މެންބަރުންނާ އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން މިހާރު ހަމަވެފައިވާ ކަމަށެވެ. ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ މައުލޫމާތުތައް އާންމު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ [އެމްޑީޕީގެ] ކެންޑިޑޭޓުން މިހާރު ވަނީ ހަމަވެފައި، ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ މައުލޫމާތުތައް ހާމަ ކުރާނަން،" އަފްޝަން ވިދާޅުވި އެވެ.
އަފްޝަން ވިދާާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރުން މާދަމާ ފަށާނެ ކަމަށެވެ. އޭގެ ފަހުން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުން ރަށާއި އަތޮޅާއި ސިޓީ ފެންވަރުގައި ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ ރަށަކަށް ހާއްސަ މެނިފެސްޓޯއެއް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ނެރޭނެ ކަމަށެވެ.
މީގެ އިތުރުން އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ކެމްޕޭން މައި ލޯންޗިން ބާއްވަން ހަމަޖެހިފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ އެ ދުވަހުގެ އެއް ގަޑިއެއްގައި މުޅި ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. ހަރަކާތް ބާއްވާ ސީދާ ގަޑިއެއް ފަހުން ހާމަ ކުރާނެ ކަމަށް އޭނާ ވިދަޅުވި އެވެ.
އެމްޑީޕީން އިއްޔެ ވަނީ މުޅި ރާއްޖޭގައި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތައް ތަތް ކުރުމުގެ ހަރަކާތެއް ބާއްވާފަ އެވެ. މާލޭގައި ކުރިއަށް ދިޔަ ހަރަކާތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. އަންނަ ކައުންސިލް އިންތިހާބަށް އެމްޑީޕީން ކެމްޕޭން ކުރަމުން ދަނީ "ރަށްވެހި ފަތިސް" ގެ ސްލޯގަންނަކާ އެކު އެވެ.