ހަބަރު

އޯޑިއޯއަކީ އިންތިހާބާ ދިމާކޮށް ހިންގާ ގޭސްގަނޑެއް: އަޑުބަރޭ

ލީކްވެފައިވާ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށާއި އެއީ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އަނބުރާ ގޭސްގަނޑެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއެކު އަޑުބަރޭ ދައްކާ ވާހަކަތަކެއްގެ އޯޑިއޯ ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލާފަ އެވެ. މި އޯޑިއޯއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ދެ ބޭފުޅުންނަށް ވަނީ އަމާޒުވެފަ އެވެ. ދެ ބޭފުޅުންނަކީ ގާތް ދެ އެކުވެރިންނެވެ.

އޯޑިއޯއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަޑުބަރޭ ވިދާޅުވީ އެ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި ބްލެކްމެއިލް ކުރެވޭނީ ކުރެވޭވަރު މީހުން ކަމަށެވެ.

"އެފްއޭއެފްގެ އިންތިހާބަށް ބައްސާމްއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުކުމެދާނެ ކަމުގެ ބިރަށް ޖަވާ އިސްވެ ހުރެ ސިޔާސީ ބަޔަކާއެކު ހިންގާ ގޭސްގަނޑެއް،" އަޑުބަރޭ ވިދާޅުވި އެވެ.

ދެން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަންވީ ކަމަށާއި އޭރަށް ހަގީގަތް ސާފުވާނެ ކަމަށެވެ.

އެފްއޭއެފްގެ އިންތިހާބު ބޯމަތިވެފައިވާއިރު މިހާތަނަށް އިންތިހާބަށް ނުކުންނަނީ ބައްސާމް އަދީލް ޖަލީލު އެކަންޏެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތައް ވެސް ވަނީ ބައްސާމަށް ތާއިދުކޮށްފަ އެވެ. އަލީ ވަހީދު އިސްވެ ހުންނަވައި އިންތިހާބަށް ކެންޑިޑޭޓެއް ނެރެން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ.

އެންމެ ފަހުން ލީކްކޮށްލާފައިވާ އޯޑިއޯގައި އަޑުބަރޭ ވަނީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ވާހަކަތަކެއް ދައްކަވާފަ އެވެ. އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ ކަޓެއް ނެގުމާ ގުޅޭ ވާހަކަތަކެއް ދައްކާފަ އެވެ.

އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ތިބިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯއެއްކަން ދައްކާ ވާހަކަތަކުން އެނގެ އެވެ. މި މައްސަލަތައް ކޮރަޕްޝަނާ ހަމައަށް ގޮސްފައިވާއިރު މިކަން ބެލުމަށް ޓްވިޓާގައި މީހުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އޮފިޝަލަކު މިހާތަނަށް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.