ސުޕްރީމް ކޯޓުން ކުރި އިއުލާނަކާއި ގުޅިގެން އެ ކޯޓަށް ދެ ކާރު ގެނެސްދިން ކުންފުނިން ޑިއުޓީއަށް މަކަރު ހެދުމަށް ފޯޖް ކޮށްފައިވާ ލިޔެ ކިޔުންތަކެއް ކަސްޓަމަށް ހުށައެޅިކަން އެނގިއްޖެ އެވެ.
ސުޕްރީމްކޯޓަށް ބްރޭންޑް ނިއު ދެ ކާރު ހޯދުމަށް އިއުލާނުކުރީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ފަހު ކޮޅު އެ ކޯޓުން ވަނީ އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ފަރާތަކަށް އެ މަސައްކަތް ހަވާލުކޮށްފައެވެ.
އެ ކުންފުނިން ޖަޕާނުން ދެ ކާރު ގެނައުމަށްފަހު ކަސްޓަމްސް ޑިއުޓީ ކުޑަކުރުމަށް އެއީ ޔޫސްޑް (ބޭނުންކޮށްފައިވާ) ކާރެއް ކަމަށާ އެއީ 2017 ވަނަ އަހަރު އުފެއްދި ކާރެއް ކަމަށް ބުނެ ފޯޖްކޮށްގެން (އަސްލެއްނެތް) ލިޔުންތަކެއް ވަނީ ހުށައަޅާފައެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނިންމަން އެ ފަރާތުން ހުށައެޅި ލިޔުންތަކުގައި އެއީ ބްރޭންޑް ނިއު ދެ ކާރު ކަމަށް ވަނީ ބުނެފައެވެ. އަދި އެއީ 2019 ވަނަ އަހަރު އުފައްދާފައިވާ ކާރުތަކެއް ކަމަށް އެ މިނިސްޓްރީއަށް ހުށައެޅި ލިޔެކިޔުންތަކުގައިވެއެވެ.
އެހެން ކަމުން ޓްރާސްޕޯޓް މިނިސްޓްރީން ވަނީ އެ ދެ ކާރު ރަޖިސްޓްރީ ކޮށްދިނުމަށް ދެކޮޅު ހަދާ، އެކަން ކަސްޓަމްސްގެ ސަމާލު ކަމަށް ގެނެސްފައެވެ. ފަހުން އެ ކުންފުނިން ވަނީ އެއީ އޮޅިގެން ވީކަމެއް ކަމަށް ބުނެ އަލުން ކަސްޓަމްސްއަށް ބްރޭޑް ނިއު ކާރަކަށް ދައްކަންޖެހޭ ޑިއުޓީ ދައްކަން ހުށައަޅާފައެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ދެ އިދާރާއަށް ހުށައެޅި ލިޔެކިޔުންތައް ތަފާތުވުމުން އެކަން ކޮށްދިނުމަށް ދެކޮޅު ހަދާފައެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒު ޓްރާސްޕޯޓް މިނިސްޓްރީއަށް ގުޅާ އެކަން ނިންމައިދިނުމަށް ވަނީ އެދިފައެވެ. އަދި އެކަން ނިންމައިދިނުމަށް އެދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާވެސް ވަނީ ބައްދަލްކޮށްފައެވެ. ނަމަވެސް އެކަން ކޮށްދިނުމަށް މިނިސްޓަރުވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.
މިހާރު ލީކްވެފައިވާ އޯޑިއޯތަކުގައި ދައްކާފައިވަނީ މި "ބްރޭންޑް ނިއު" ކާރުތަކުގެ ވާހަކައެވެ.
ލީކްކޮށްލާފައިވާ އާ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާގެ އިތުރުން ދެން އިވެނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ މީހާގެ އަޑެވެ.
އޭނާ ބުނަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަނެދޭ ވާހަކަ އެވެ. "ބްރޭންޑް ނިއު" ގެ ނަމުގައި އަގު ހެޔޮކޮށް ވެހިކަލްތައް ގަނެދޭން ވިސްނާ ކަމަށެވެ. އަދި އެކަން ފަނި ކުރަން ބަޔަކު އުޅޭ ކަމަށް ވެސް އޭނާ ބުނާ އަޑުއިވެ އެވެ.
ފުލުހަށް މައްސަލަ ހުށަހަޅައިފާނެ ކަމަށް ވިދާޅުވުމުން އަލީ ވަހީދު ކަމަށް ބުނާ މީހާ ހަޑިހުތުރު ބަސްތަކެއް ވެސް ބޭނުން ކުރެ އެވެ. އަދި ސުޕްރީމް ކޯޓުގެ އެސްޖީއަށް އަމާޒުކޮށް ވެސް އެފަދަ ބަސްތަކެއް ބޭނުން ކުރެ އެވެ.
އޭގެ ފަހުން އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ ކަޓެއް ނެގުމާ ގުޅޭ ވާހަކަތަކެއް ދައްކާފަ އެވެ. އެ ވާހަކަތައް އެހާ ސާފެއް ނުވެ އެވެ.