އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މިނިސްޓަރު އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރު އިމްރާން އަބްދުﷲ، އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ހ. ނޫމުތީ، އައިޝަތު ނޫރާ މުހައްމަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ނޫރާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން ހުންނެވި އަހުމަދު މުހައްމަދުފުޅު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެނެވެ. އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމް ހުސްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ނޫރާ މުހައްމަދަކީ ތައިލެންޑްގެ ޗުލަލޮންކޯން ޔުނިވާސިޓީން "މާސްޓާސް އޮފް އާޓްސްއިން އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް" ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގެ އަޕާ ލޯވާ ޔުނިވާސިޓީން ބެޗްލާސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަން ވެސް ހާސިލް ކުރައްވާފައި ވެއެވެ. އޭނާ އެންމެފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމްގަ އެވެ.
އޭގެ ކުރިން ނޫރާ ވަނީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރު، ޕްރޮގްރާމްގެ މަގާމް ވެސް އަދާ ކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރެއްވި އެވެ.
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަކީ މީހުން ބަންދުކުރާ ތަންތަނުގެ ހާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރު އޮފް ހޯމްއެފެއާޒަށް ރިޕޯޓް ކުރުމަށްޓަކައި އައްޔަންކުރާ މަގާމެކެވެ.