ހަބަރު

އޭސީސީ ރިޕޯޓް ސިއްރު، ޓީއެމްއޭ "ހިޔާނާތް" ކުރީ ސަރުކާރާ ދިމާލަށް

Feb 17, 2020
6

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިއަދު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓް، ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

"އެ ރިޕޯޓް ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި އަޅުގަނޑަށް ލިބިފައި. އަދި އެ ރިޕޯޓް ވަނީ ކޮމިޓީއާއެކު ވެސް ހިއްސާ ކުރެވިފައި. އަދި އަޅުގަނޑު ބޭނުން ސިއްރު ރިޕޯޓެއްގެ ގޮތުގައި ތިޔަ އިތްޒަތްތެރި މެންބަރުންނާވެސް ހިއްސާކުރަން،" ރިޕޯޓާގުޅޭ އިތުރު ތަފްސީލެއް ނުދެއްވާ ނަޝީދު ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ލިޔުންތަކުގެ ތެރޭގައި އޭސީސީން ތުހުމަތުކުރާ ކޮރަޕްޝަން އެކުލެވޭ އެއްބަސްވުމަށް ވާސިލުވުމަށް އޮކްޓޯބަރު 2017 އިން ފެށިގެން އޮކްޓޯބަރު 2018 އާ ހަމައަށް ބަދަލުކުރެވިފައިވާ ސިޓީތައް ހިމެނޭ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ އެއްބަސްވުމަށް ވާސިލުވުމަށްޓަކައި، އެ ހަފްތާގެ ތެރޭގައި ސޮއިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

"އެހެންވީމާ، އެނގިވަޑައިގަންނަވާނެ ކަންކަން ހިނގާފައިވާގޮތް. ކުރީ ސަރުކާރުން ނު އަގުގައި ކޮރަޕްޝަނުގެ ގޮތުގައި، ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލެއް އެންމެހާ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެ ގެންދަވަނީ ރައްޔިތުންނަށާއި ގައުމަށް އެންމެ ލުއިގޮތެއް ހޯދައިދޭން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 2018 ގައި ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

އެހެނަސް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވަނީ ޓީއެމްއޭ އިން އެ ބުނާ ސިޓީއަށް ބާރުލިބޭ އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއްވެސް އަދި ރިޒޮލިއުޝަނެއްވެސް ނެތް ކަމަށެވެ.