ހަބަރު

ކައުންސިލް އިންތިހާބަށް ފަހު ކޯލިޝަން ނިމުމަކަށް ގެންނާނެ: ހަލީމް

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް ފަހުގައި ވެރިކަން ކުރާ ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް ހަމައެކަނި އެމްޑީޕީން ސަރުކާރު ހިންގަން ފަށާނެ ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެންބަރު ހަލީމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އޭގެ ފަހުން ރައްޔިތުން އެދޭ ފަދަ ވެރިކަމެއް އެމްޑީޕީން ކޮށްދޭނެ ކަމަށެވެ.

ހަލީމް ވިދާޅުވީ، އޭނާގެ އުއްމީދަކީ ކައުންސިލްތައް އެމްޑީޕީއަށް ލިބުމަށް ފަހު ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް ހަމައެކަނި އެމްޑީޕީން ސަރުކާރު ހިންގަން ފެށުން ކަމަށެވެ. އޭނާ ވިދާޅުވީ ކޯލިޝަންގެ ލީޑަރުންނާއެކު އެމްޑީޕީއަށް އެންމެ ދުވަހަކު ވެސް މަސައްކަތް ކުރެވެން ދެން އެބަ އޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

"މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންނަށް ލިބިއްޖެއްޔާ އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކު ވެސް [ޖުމްހޫރީ ޕާޓީގެ ލީޑަރު] ގާސިމް އިބްރާހިމް އާއި، [އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް] މައުމޫން އަބްދުލް ގައްޔޫމްއާ އެކު، [އާދަލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު] އިމްރާން އަބްދުﷲ އާ އެކު، އަޅުގަނޑުމެން އުޅެވޭކަށް ނެތް،" ހަލީމް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ތިބި ޖޭޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްގެ މިނިސްޓަރުން ތިބި މިނިސްޓްރީތަކަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް މަސްވެރިންނަށްޓަކައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ. ވިދާޅުވީ އެކަމަނާއަށް ވެސް މަޖިލީހުން ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.

"އިރާދާކުރެއްވިއްޔާ އޭޕްރީލް ހަތަރުވަނަ ދުވަހަކީ [ކައުންސިލް އިންތިހާބު އޮންނަ ދުވަހަކީ] އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާނެ، އެ ދުވަހު ކޯލިޝަންގެ މޫނުގައި ފޮތި އަޅާނެ ކަމުގެ ޔަގީން ކަން ދެން،" ހަލީމް ވިދާޅުވި އެވެ.

ކޯލިޝަންގެ ވަޒީރުން ވަކި ކުރަން ޖެހޭ ކަމަށް ހަލީމް މިއަދު ވިދާޅުވިއިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު މިހާތަނަށް ވެސް އޭނާ އެފަދަ މައްސަލައެއް މަޖިލީހަށް ވައްދާފައެއް ނުވެ އެވެ. އިސްލާމިކް މިނިިސްޓަރަކީ އާދަލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

މީގެ ކުރިން މަޖިލީހުން ވަނީ އެތައް އިހުމާލެއް ވަމުންދާ ކަމަށް ބުނެ ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފު މަގާމުން ވަކިކޮށްފަ އެވެ. ޝިދާތާ އަކީ ވެސް އަދާލަތު ޕާޓީގެ ބޭފުޅެކެވެ. ޝިދާތާގެ ބަދަލުގައި އެ މަގާމަށް މިހާރު އައްޔަން ކޮށްފައިވަނީ މީގެ ކުރިން ޖެންޑާ މިނިސްޓަރު ކަން ކުރައްވާފައިވާ އައިޝަތު މުހައްމަދު ދީދީ އެވެ.