ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގައި ކަރަންޓީނުކުރި ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

Feb 17, 2020

ޗައިނާއިން ފެތުރެން ފެށި ނުރައްކާތެރި ކޮނޯރާ ވައިރަހާއި ގުޅިގެން އެ ގައުމުގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެންދިޔަ ހަތް ދިވެހިން މާދަމާ ރައްޖެއަށް ގެންނަން ހަމަޖެހިއްޖެ އެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްފައިވަނީ އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

އެ ހަތް ދިވެހިންވެސް އެ ވައިރަހަށް ނެގަޓިވް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި، 14 ދުވަހުގެ ކަރަންޓީނު ހަމަވުމުން، ނިއުދިއްލީގެ ޗައުލާގައި ގާއިމުކޮށްފައިވާ ކަރަންޓީނު ސެންޓަރުން އެ ހަތް ދިވެހިންވެސް މިރޭގެ ވަގުތެއްގައި ދޫކޮށްލާނެކަމަށް އަވަސް އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އަދި މާދަމާ ހެނދުނު އެ މީހުން ރާއްޖެ ގެނައުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ރާއްޖޭގައިވެސް އެ ވައިރަހަށް ޝައްކުކުރެވުނު މީހުން ވެސް ވަނީ ޓެސްޓުތައް ނެގެޓިވްވުމުން ދޫކޮށްލައިފަ އެވެ.

އެ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ވަނީ ސީދާ ޗައިނާއިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް، ސީދާ ދަތުރުތައްވެސް މެދުކަނޑާލައިފަ އެވެ.

ޗައިނާގެ ވޫހާން ސަރަހައްދުން ފެނުނު އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ވެރިރަށް ބެއިންޖިންގަށް އެތެރެވާ ރައްޔިތުން 14 ދުވަހަށް ކަރަންޓީނުކުރަން ސަރުކާރުން ލާޒިމްކޮށްފަ އެވެ.

ޗައިނަގެ އާ އަހަރުގެ ބަންދަށްފަހު ބެއިޖިންގަށް އެނބުރި އަންނަ ހުރިހާ ރައްޔިތުން، އަމިއްލައަށް ނޫނީ ކަރަންޓީނު ސެންޓަރެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ގޮތަށް އަމަލުނުކުރާ ރައްޔިތުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ސަރުކާރުން ވަނީ ދީފަ އެވެ.

އެ ފިޔަވަޅު އަޅާފައިވަނީ، މިސްރުން އެ ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނިކޮށެވެ. މިއީ އެފްރިކާގެ ބައްރުން އެ ވައިރަސް ފެނުނު ފުރަތަމަ ކޭހެވެ. މީގެ ކުރިން، ތަފާތު 24 ގައުމަކުން 500 އަށް ވުރެ ގިނަ މީހުން އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ފިލިޕީންސް، ހޮންގްކޮންގް އަދި ޖަޕާނުގައި ތިން މީހުން ވަނީ މަރުވެފަ އެވެ.