ޖުމްހޫރީ ޕާޓީ

އަލީގެ މައްސަަލަ ބަލަން ޖޭޕީގެ ކައުންސިލް މެންބަރުން ގޮވާލަނީ

އޯޑިއޯތަކެއް ލީކުވި މައްސަލައާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ބަން އޭނާ ނިސްބަތްވާ ޖޭޕީގެ ޕާޓީގެ ކައުންސިލް މެންބަރުން ގޮވާލައިފި އެވެ.

ޖޭޕީ ކައުންސިލްގެ ރަސްމީ ވައިބާ ގުރޫޕްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަދި ކައުންސިލް މެންބަރުން ވަނީ ލީކުވެފައިވާ އޯޑިއޯތަކުގައި އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކަކީ ޖޭޕީން ރައްޔިތުންނަށް ވައުދުވީ އުސޫލުތަކާއި، އަސާސްތަކާއި ހިލާފު ކަންތައްތަކެއް ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން މެންބަރުން ގޮވާލާފައި ވެއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ ގުޅޭގޮތުން އެ އޯޑިއޯތަކުގައި އަލީ ވަހީދު ދައްކަވާފައި ވަނީ ވަރަށް ބޭއަދަބީ، ހުތުރު ވާހަކަތަކެއް ކަމަށް ވެސް އެ މެންބަރުން ފާހަގަ ކޮށްފައި ވެއެވެ.

"އެ އޯޑިއޯތަކުގައި ޖޭޕީން ވަކާލާތުކުރާ އުސޫލުތަކާއި، އަހުލާގީ މިންގަނޑުތައް ފަހަނައަޅާ، ވަރަށް ގިނަ ބައުންޑަރީސްތައް އެވަނީ ހުރަސް ކޮށްފައި. ވަޒީރެއްގެ ގޮތުގައި ހިމެނޭ ޕާޓީގެ ކައުންސިލްގެ ދެ ބޭފުޅަކާމެދު އެހާ އިހާނެތިކޮށް ވާހަކަ ދައްކަވާ، ކަންކުރެއްވުމުން ހިތާމަ ކުރަން. އަދި ލީޑަރުގެ [ގާސިމް އިބްރާހިމް] އަނބިކަނބަލުންގެ އަގު ވެއްޓޭ ގޮތަށް ކަން ކުރެއްވި ގޮތާއި، ބަސްމަގު އެއްގޮތަކަށް ވެސް ބަލައެއް ނުގަންނަން." ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޖޭޕީގެ ރައީސްއަކަށް ހުންނެވި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ވެސް އެ ޕާޓީގެ ސްލޮޓެއްގަ އެވެ. އެހެން ކަމުން އެ މައްސަލަ ބަލަން ކައުންސިލްގެ ކުއްލި ބައްދަލްވުމެއް ބޭއްވުމަށް ވެސް ކައުންސިލްގެ ބައެއް މެންބަރުން އެދިފައި ވެއެވެ.

"އަލީ ވަހީދާއި އޭނާގެ ބައިވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން. އަދި ލީޑަރު މި ކަމުގައި އަވަސް ނިންމުމެއް ނިންމަވަން ޖެހޭނެ ކަމަށް ދެކެން." އެހެން މެންބަރަކު ވިދާޅު ވިއެވެ.

މިކަމާ ގުޅޭގޮތުން ޖޭޕީން ރަސްމީކޮށް އެއްޗެއް ނުބުންޏެވެ. އަދި އަލީ ވަހީދުގެ މައްސަލަ ބަލާނެ ކަން ނުވަތަ ނޫން ކަމެއްވެސް ނުބުންޏެވެ.

ޖޭޕީގެ ކައުންސިލް މެންބަރެއް ކުރައްވާފައިވާ ޓްވީޓެއް

އޯޑިއޯތަކެއް ލީކުވި މައްސަލައިގެ ތަހުގީގެއް ހިންގަން އެދި ވަޑައިގަންނަވާ ކަމަށާއި ފުރިހަމަ ތަހުގީގަކުން ހަގީގަތް ސާފުވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ފޯން ކޯލް އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކު ކޮށްލައިވާއިރު ގިނަ ބަޔަކު އަންނަނީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާ ލަމުންނެވެ. މިހާތަނަށް ލީކުކޮށްލި ފަސް އޯޑިއޯގައި ހިޔާނާތުގެ މައްސަލަތަކާއި ހުތުރު ބަސްތައް ބޭނުންކޮށް ފުރައްސާރަ އާއި ޖިންސީ ފުރައްސާރަ ކޮށްފައިވެ އެވެ.

އެކަމުން ދިފާއުވެ ވަޑައިގަންނަވަމުން އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެ އޯޑިއޯތަކަކީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް ކަމަށެވެ. އެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށާއި އެގޮތުން އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގަވަން އެދޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ލީކްކޮށްލާފައިވާ އާ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ވަނީ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް ބުނާ އަޑު އިވެއެވެ.

އެ ވާހަކަތަކަށް ކައިރީގައި ތިބި މީހުން ހީނ، ފުރައްސާރަ ކުރާ އަޑު ވެސް އިވެއެވެ. މީގެ އިތުރުން ދީނުގައި ހުއްދަ ނޫން ބައެއް ކަންކަން ކުރުމަށް ރިސޯޓަކަށް ދާންޖެހޭ ކަމަށް ބުނެފައި ވެއެވެ. -- އޯޑިއޯގެ ގިނަ ވާހަކަތަކަކީ ވަރަށް ހުތުރު އަދި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި ބީރައްޓެހި ވާހަކަތަކެއް ކަމުން އެ ވާހަކަތައް ދޫކޮށްލީ އެވެ.