ވިޔަފާރި

އައްޑޫ އެއާޕޯޓް ކުންފުނީގެ އެސްޓީއޯގެ ހިއްސާ ސަރުކާރަށް ދޫކޮށްލައިފި

Feb 17, 2020

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އޮންނަ އެސްޓީއޯގެ ހިއްސާ ސަރުކާރަށް ދޫކޮށްލަން ނިންމައިފި އެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުނީ 2011 ގައި އުފެއްދި އޭއައިއޭގައި އޮތީ މޫނުމަތީ އަގުގެ 1,000.00ރ. 40,000.00 އާންމު ހިއްސާ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ ހިއްސާއެއް މައި ހިއްސާދާރު ކަމަށްވާ ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އޭއައިއޭގައި ހިމެނޭ އެ ކުންފުނީގެ ހިއްސާ ސަރުކާރުގެ ނަމަށް ބަދަލު ކުރަނީ އެ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގު ކުރެވިފައިވާ އަގަށް ކަމަށެވެ.

އޭއައިއޭ އުފައްފާފައިވަނީ ސަރުކާރުގެ 50 ޕަސެންޓާއި އެސްޓީއޯގެ 10 ޕަސެންޓް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) 10 ޕަސެންޓުގެ އިތުރުން ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކުންފުނި ކާސާ ހޯލްޑިންގެ 30 ޕަސެންޓް ހިއްސާއާ އެކުގަ އެވެ. މި ބަދަލާއެކު އޭއައިއޭގައި މިހާރު ސަރުކާރުގެ ހިއްސާ ވަނީ 60 ޕަސެންޓަށް އިތުރު ވެފަ އެވެ.