ވިޔަފާރި

އެމްއެސްއެސް އިން އިންޑިއާ އިން ދެކުނަށް މުދާ އުފުލަން ފަށައިފި

Dec 10, 2020

އިންޑިއާ އިން ކަނޑުމަގުން ދެކުނަށް މުދާ ގެނެސް ދިނުމުގެ ހިދުމަތް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށައިފި އެވެ.

ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެސް އިން އައްޑު އާއި ހުވަދު އަތޮޅު ހިމެނޭ ގޮތަށް މުދާ ގެންނަން ފެށުމުގެ ގޮތުން މިއަދު ހިތަދޫ ޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އަދި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތެއްގައި އެމްއެމްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި އިންޑިއާ އިން ސީދާ މި ހިސާބަށް މުދާ ގެނެވޭ ގޮތް ވުމަކީ ވިޔަފާވެރިންނަށް ލިބޭނެ ފަސޭހައެއްގެ އިތުރުން ކަސްޓަމަރުންނަށް ވެސް ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ހެޔޮ އަގުގައި މުދާ ލިބެން މަގު ފަހި ވެގެން ދާނެ ކަމެއް ކަމަށެވެ.

އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން އައި އެމްއެސްއެސް އިން މިއަދު އައި ފުރަތަމަ ބޯޓުގައި 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވެ އެވެ. މި މުދަލުގެ ތެރޭގައި ހިމެނެނީ މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި އިމާރާތް ކުރަން ބޭނުން ކުރާ ސާމާނެވެ.