މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި މަޝްރޫއުގެ މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.
މިއަދު ފެށި މި މަޝްރޫއުގެ އަގަކީ 462 މިލިއަން ރުފިޔާ އެވެ. މަޝްރޫއުގެ ފުރަތަމަ ފޭސް ކުރިއަށް ދަނީ މާފަންނު ކަނބާއައިސާރަނި މަގާ ހަމައިންނެވެ.
ފުރަތަމަ ފޭސްގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތައްޔާރު ކުރާނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.
މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަދާ 4 ވައްތަރުގެ މަގުތައް:
- އާޓީރިއަލް ރޯޑްސް
- ސިޓީ ރޯޑްސް
- ސެކަންޑްރީ ރޯޑްސް
- ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑް
މޫސާ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްގޮތަށް ފަރުމާކުރި އެވެ. އަދި މިހާރު ހުރި ހޮޅިތަކުގެ އިތުރުން ފަޔާ ހައިޑްރާންޓް ހޮޅިއާއި ގޭސްހޮޅި ހިމެނޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ބޭނުން ކުރުމަށް ފަސޭހަ އަދި ރައްކާތެރި މަގުތަކަކަށް ހެދުން ކަމަށެވެ. އަދި ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރެވޭނެ ފަދަ މަގުތަކެއް ހޯދައިދިނުމަށާއި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދީ އަބަދު ކޮނެފަ އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.
ޝިފާ ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމުން ހުރިހާ މަގުތަކެއްގެ ދެ ފަރާތުގައިވެސް ގެގެއިން ވަދެ ނިކުމެ އުޅެވޭ ގފަދަ ޕޭވްމެންޓެއް ގާޢިމްކުރެވޭނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓެއް ގާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް މަގުތަކުގެ ތޮއްޖެހުން ހުއްޓުވޭނެ ކަމަށެވެ.
މީގެ އިތުރުންވެސް މަގުތަކުގެ ޕާކިންގެ ފުރިހަމަ ނިޒާމެއް ގާއިމްކޯށް ޕާކިން ބިލްޑިންތައް މި ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރެވޭނެ ކަމަށާއި މުދާ އެރުވުމާއި ބޭލުމުގައި މަގުތައް ބޭނުންކުރުމުގެ އުސޫލެއް އެކަށަ އަޅައި ތަންފީޒު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.