ހަބަރު

ސިޓީތަކުގެ މައުލޫމާތު ނޭނގޭ ކަމަށް ބުނެ އެމްއޭސީއެލް ބޯޑުން ދޮގު ހެދިކަމުގެ ތުހުމަތު

Feb 17, 2020
3

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭނެ ކަމަށް ބުނެ ފޮނުވާފައިވާ ސިޓީތަކުގެ މައުލޫމާތު ކުރިން އެނގިފައިވާނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު ހަދާފައިވާ ކަމުގެ ތުހުމަތުކޮށްފި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ.

ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރުގެ ބިމެއް ޓީއެމްއޭއަށް ދޭން ނިންމީ، އެ ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭއަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓަށް ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެ ސިޓީތަކެއް ފޮނުވާފައިވާކަމަށްވެސް އެ ކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެ މައްސަލާގައި، އެ ކުންފުނީގެ ބޯޑު މެންބަރުން އިތުރުން މެނޭޖްމަންޓުގެ ބޭފުޅުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މާލިއްޔަތު ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުކުރެއްވީ އެ ސިޓީތަކާ ގުޅުވައިގެންނެވެ.

އެމްއޭސީއެލްގެ ބޯޑުގެ މެމްބަރު ޑރ. އިބްރާހިމް މަހްފޫޒް ވިދާޅުވީ ސީޕްލޭން ޓާމިނަލް ޑިޒައިން ކުރުމުގެ ހިސާބުން ފެށިގެންވެސް ވާހަކަ ދެކެވިފައިވަނީ ގިނަ އޮޕްރޭޓަރުންނަށް ޖާގަލިބޭނެ ވިސްނުމެއްގެ ތެރެއިން ކަމަށެވެ. އަދި އެއްވެސް އިރެއްގައި، ވަކި ބަޔަކަށް ޓާމިނަލް ދިނުމުގެ ނިންމުމެއް އަދި ވިސްނުމެއްވެސް އެމްއޭސީއެލުން ގެންގުޅެފައިނުވާނެ ކަމަށެވެ.

"އޮފާއެއް ދޭ ވަރަށް މަޝްވަރާ ކުރިއަށް ގޮސްފައެއް ނުވޭ. ބޯޑުން ފައިނަލް ކުރެވިގެން ނޫން. އެއީ ލީގަލީ ބައިންޑިންގް އެއްޗެއްކަމަށް ގަބޫލެއްނުކުރެވޭ،" ކުރީގެ ބޯޑާއި އަދި މިހާރުގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒު އިތުރަށް ވިދާޅުވި ގޮތުގައި، ސީޕްލޭން ޓާމިނަލް އާ ގުޅޭގޮތުން، ބޯޑުން ހަމައެކަނި ނިންމާފައިވަނީ އިންވެސްޓްމަންޓު ކުރަން އެންމެ ކުޑަ އަގަކީ އަކަމީޓަރަކަށް 10.35 ޑޮލަރު ކަމަށެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެއަށްވުރެ ކުޑަ ރޭޓަކަށް ދޭން އެދި އައި ހުށަހެޅުންތަކަށް ބޯޑުން ނޫނެކޭ ބުނެފައިވާނެ ކަމަށެވެ.

މަހުފޫޒް އިޝާރާތްކުރެއްވީ، ދެ ފަހަރެއްގެ މަތިން ޓީއެމްއޭއިން ކައުންޓާ ޕްރޮޕޯސަލެއްގެ ގޮތުގައި އަކަމީޓަރަކަކަށް ހަތް ޑޮލަރުގެ އިތުރުން ކޮންމެ ފަސަންޖަރެއްގެ އަތުން ވެސް ހަތް ޑޮލަރު ނަގާ ގޮތަށް ހުށަހެޅި ހުށަހެޅުމަށެވެ. އަދި އެފަދަ ސިޓީތަކެއް ޓީއެމްއޭއަށް ފޮނުވިކަމެއް އެނގިވަޑައިގެންފައިނުވާކަމަށް މަހުފޫޒް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލެއްގެ ތެރެއިން ވިދާޅުވީ، ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތައް ބޯޑަށް ނޭނގޭކަމަށް މިއަދު ކޮމިޓީ ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އެ ސިޓީގައި ހިމެނޭ ކަންކަމުގެ މަޝްވަރާތައް ބޯޑުގައި ކުރެވެނުކަން، ޔައުމިއްޔާތަކުން ސާފުވާ ކަމަށެވެ.

"އެމްއޭސީއެލްގެ ބޯޑު މެންބަރުން 28 ޑިސެމްބަރު 2017 ގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގައި އެބަ އޮތް އެ ވާހަކަތައް،" އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭ ވާހަކަ އެންމެ ފުރަތަމަ ދައްކަވަން ފެއްޓެވި ޔައުގޫބު ވިދާޅުވި އެވެ.

އެމްއޭސީއެލުން ޓީއެމްއޭއަށް ގިނަ ސިޓީތަކެއް ފޮނުވާފައިވާއިރު، ޔައުގޫބު ހަވާލާދެއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ކޮން ސިޓީއެއް ނޫނީ ކޮން ކަމަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ނަމަވެސް، ޓީއޭއެމްއޭއަށް ފޮނުވާފައިވާ ސިޓީތަކުގެ ތެރެއިން، ޑިސެމްބަރު 10، 2017 ގައި ޓީއެމްއޭއަށް ފޮނުވި ސިޓީއަށް ހަވާލާދީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްއޭސީއެލަށް އަމާޒު ކުރެއްވި ސުވާލަކާ ގުޅިގެން، އެ ސިޓީތަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. ސަބަބަކަށްވީ، އަބްދުލްޣަފޫރު ހަވާލާދެއްވި ސިޓީއާ، އެމްއޭސީއެލުން ގެންގުޅުނު ސިޓީގައި އޮތް އިބާރާތް ދިމާނުވާކަން ސާފުވި އެވެ.

އަބްދުލްޣަފޫރު ގެންގުޅުއްވި ސިޓީގައި އެމްއޭސީއެލްގެ ބޯޑުން ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، 15 އަހަރުގެ މުއްދަތަށް ދޭން ބޯޑުން ހުއްދަ ދިން ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެނަސް، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެމްއޭސީއެލްގެ ބޭފުޅުން ގެންގުޅުއްވި ސިޓީގައި އެފަދަ އިބާރާތެއް ނެތްކަން ހާމަވި އެވެ.

އެމްއޭސީއެލްގެ ބޯޑުން މިއަދު މަޖިލީހުގެ ކޮމިޓީގައި ދޮގު ހެދިކަމަށް ތުހުމަތު ކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑު މެންބަރުންގެ ތެރެއިން މިއަދުގެ ބައްދަލުވުމަށް ވަޑައިގެންފައިވަނީ މަހުފޫޒްގެ އިތުރުން ފާތިމަތު މުއާޒާ އިބްރާހިމެވެ. ނަމަވެސް، އެ ދެ ބޭފުޅުންގެ ތެރެއިން ކުރީގެ ބޯޑުގައި އިންނެވީ މަހުފޫޒް އެކަންޏެވެ.