ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މޭޔަރު ކަމަށް ވާދަކުރުމަށް އަނަސް ފޯމް ހުށައަޅައިފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވާފައިވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށައަޅައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އަނަސް ކާމިޔާބު ކުރެއްވީ މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ބަލިކުރައްވާފައެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް މިރޭ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް ކެންޕެއިން ފަށާ ރައްޔިތުންގެ ތާއީދު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަނަސްގެ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ހުރިހާ މެންބަރުން ބައިވެރިވިއެވެ.

އަނަސް ވައުދުވަނީ ތިން ކަމަކަށް

ރައްޔިތުންނަށް އަނަސް ވެވަޑައިގަންނަވާ މައިގަނޑު ތިން ވައުދަކީ މިއީ އެވެ. އެއީ މާލޭގައި އަމާންކަން ގާއިމްކޮށް، މާލެ އަކީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނަށް ހެދުމެވެ. އަދި މާލޭގެ ރައްޔިތުންނަށްޓަކައި މިއީ ދިރިއުޅެން ހިތް ފަސޭހަ ތަނަކަށް ހެދުމެވެ.

އަމާން ކަމުގެ ވައުދުގެ ދަށުން ކުށުގެ ވެށި ނައްތާލާ، ވައްކަމާއި މާރާމާރީ ފަދަ ކަންކަމުން މާލެ ސިޓީ އަމާން ކޮށްދިނުމަކީ އަނަސްގެ އެންމެ ބޮޑު ވައުދެވެ. އެކަމަށް ހާއްސަކޮށް ސިޓީ ޕޮލިސްގެ މަސައްކަތްތައް ވަރުގަދަ ވެގެންދާނެ އެވެ.

"ސިޓީ ޕޮލިސް ހާއްސަ ވާނީ މާލެއަށް. އެ ބޭފުޅުންގެ މައިގަނޑު މަގްސަދަކަށް ވާނީ ސިޓީގެ ރައްކާތެރިކަމާއި އަމާންކަން ގާއިމް ކުރުން. އެހެންވީމަ ސިޓީ ޕޮލިސް އެހެން ތާކަށް މޫވްއެއް ނުކުރާނެ. ސިޓީ ޕޮލިސް ސީދީ އޮންނާނީ މާލެއަށް ފޯކަސް ވެފައި."

މީގެ އިތުރުން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ފަސޭހައިން ދެނެގަނެ، ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ނޭބާ ހުޑް ވޮޗް ތައާރަފް ކުރުމަކީ ވެސް އަނަސްގެ ވިސްނުން ފުޅެކެވެ. އަނަސްގެ ނަޒަރުގައި ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަން ހައްލު ކުރުމުގައި އިސް ނަގަންވީ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

"ރަސްމީ ސިފައެއްގައި ނާދެޔޭ ކިޔާފައި އެބަ ތިބޭ އަޅާ ނުލައި... އަޅުގަނޑު މި ނިކުތީ އެ ސިޔާސަތު ބަދަލުކުރަން. ރައްޔިތުން ނިކުމެ މަގާމުތަކަށް މީހުން އިންތިހާބު ކުރަނީ މި ކަންކަން ބަަލަން"

ރައްކާތެރިކަމުގެ ވައުދުގެ ދަށުން އަނަސްގެ ތަސައްވަރަކީ މާލޭއަކީ ނުރައްކާތެރި ހާދިސާތައް ހިނގުން މަދު ތަނަކަށް ހެދުމެވެ. މަގުތަކަކީ ރައްކާތެރި ތަންތަން ވުމެވެ. އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އަވަހަށް ނިއްވާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ. ގްރޭޓާ މާލޭގެ ކޮންމެ މަގަކީ ރޭގަނޑު ވަގުތުވެސް އަލިކަން އޮންނަ މަގުތަކަކަށް ހެދުމެވެ. އަދި ފެންބޮޑުވުން ފަދަ މައްސަލަތަކަށް ދާއީމީ ހައްލެއް ގެނައުމެވެ.

"މިސާލަކަށް މީގެ ކުރިން މާލޭގެ މަގުމަތީ ބަހައްޓާފައި ހުރި ހޮޅިދަނޑިއެއް ވެއްޓި ކުއްޖަކު މަރުވި، މިއީ ވަރަށް ބޮޑު ހިތާމައެއް. ހަގީގަތުގައި އެއީ ދައުލަތުން ޒިންމާވާންޖެހޭ ކަންކަން އަނެއްކޮޅުން އަލިފާނުގެ ހާދިސާތައް ހިނގައިފިނަމަ އެންމެ ފަހުން ކަން ހިނގާދިޔަ ގޮތް ބައްލަވާ. ހަގީގަތުގައި "ފަޔަރާ ހައިޑްރެންޓް" ޖެހެންވާނެ، އެ ފުރުސަތު ކުރިން ސަރުކާރުތަކަށް ލިބުނު މަޖީދީ މަގު އެއްކޮޅުން އަނެއް ކޮޅަށް ހަދާ ނިންމާލިއިރު، މިއީ ވަގުތު ނަގައިގެންވެސް ކުރަންޖެހޭ ކަންކަން"

އަނަސް ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަކީ މިއަދު އެންމެ ނިކަމެތިކޮށް އުޅެން ޖެހިފައިވާ މީހުންނެވެ. ގޯތިގެދޮރު ނުހެދި އެތައް ބަޔަކު އަމިއްލަ ގެ ފޮތިފޮތިކޮށް ބަހައިގެން ދަތި ދިރިއުޅުމުގައި އުޅެން ޖެހިފައިވާ އާއިލާތައް މަދެއް ނޫނެވެ. އެހެންވީމަ އެ އާއިލާތަކަށް ތަނަވަސް ބޯހިޔާ ވަހިކަމެއް ހޯދައިދޭން ޖެހެއެވެ. ހާއްސަކޮށް ހުޅުމާލެއިން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަނަސްގެ މުހިންމު ވައުދެކެވެ. އެންމެ ބޮޑު އެއް އުންމީދެވެ.

މިއީ ގޮންޖެހުން ކިތަންމެ ބޮޑު މަސައްކަތެއް ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލުމަކީ ގެންގުޅުއްވާ ހާއްސަ ވިސްނުން ފުޅެކެވެ. މާލޭގެ ކޮންމެ ބިމެއްވެސް ބޭނުން ކުރަން ޖެހޭނީ އެ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދައިގެން ކަމަށް އަނަސް ވިދާޅުވިއެވެ.

"މިސާލަކަށް މިހާރުވެސް ސިޓީ ކައުންސިލުން ބައެއް ތަންތަން މިސާލަކަށް ސަހަރާތަކުގެ އެކި ބައިބައިތައް އެބަ ޕާކިންނަށް ހާއްސަ ކުރެވޭ. ނަމަވެސް އެކަންކަން ކުރުމުގައި ރައްޔިތުންގެ ވިސްނުން ހޯދަން ޖެހޭ. އަދި ސަހަރާގައި ވަޅުލާފައި ތިބި މީހުންގެ އާއިލާތަކުގެ ވިސްނުންވެސް ހުރި ގޮތް ބަލާލަންޖެހޭ. މި ތަންތަން ބޭނުން ކުރަން ތިބީ ރައްޔިތުން އެ ރައްޔިތުންނަށް ބޭނުންވާނެ ގޮތަށް ކަންކަން."

އަނަސް ވިދާޅުވީ އެ ގޮތަށް އަމަލު ކުރެވޭނަމަ ސިޓީ ކައުންސިލުން ނިންމާ ނިންމުމުގައި ހަރުދަނާކަން ހުރެފައި، ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ.

އަދި މިހާރު ޕާކްތައް ހެދިފައިވާ ތަންތަނާއި، ޕާކިން ޒޯންތަކާއި ހިނގާފައި އުޅެވޭ ގޮތަށް ބަންދުކޮށްފައިވާ ކުދި ގޯޅިތަކުގެ ކަންކަމުގައިވެް އަލުން ރައްޔިތުންގެ ބަސް ހޯދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މައްޗަށް އަޅުގަނޑުމެން ކަންކަން ކަނޑައަޅައިގެން ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ ތަންތަން ބޭނުން ކުރަން ތިބި މީހުން، އެހެންވީމަ ސިޓީ ކައުންސިލްވާން ޖެހޭނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރާ ބަޔަކަށް."