ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ޓޫރިޒަަމް މިނިސްޓަރު އަލީ ވަހީދު ވަކިކުރުމަށް ހުށައަޅައިފި އެވެ.
އެ ގޮތަށް ހުށައަޅާފައިވަނީ މިރޭ އެޕާޓީން ބޭއްވި ކުއްލި ކައުންސިލް ބައްދަލްވުމުގައެވެ. ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރަން ހުށައެޅީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އެޕާޓީގެ ކައުންސިލް މެންބަރެކެވެ.
އޭނާ ވަނީ ބަޔަކު ލީކްކޮށްލާފައިވާ އޯޑިއޯތަކުގެ ސަަބަބުން ޖުމްހޫރީ ޕާޓީގެ ތަަސައްވުރަށް ވަރަށް ބޮޑު ކިލަނބުކަމެއް އައިސްފައިވާތީ ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް އެދިފައެވެ. އަދި އެއީ މިހާރު އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން އެޕާޓީން އަޅަންޖެހޭނެ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބައްދަލްވުމުގެ ރިޔާސަތުން އެކަމާ ގުޅޭގޮތުން މިރޭ ގޮތްތަކެއް ނުނިންމައެވެ. ރިޔާސަތުގައި އިންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އޯޑިއޯގައި އިވެނީ މިނިސްޓަރުންތަކަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކެއް ކަމަށްވާތީ އެކަންކަމާމެދު ގޮތް ނިންމަވާނީ ރައީސް ކަމަށެވެ. އަދި ރައީސްގެ ނިންމެވުމަށްފަހު ޖުމްހޫރީ ޕާޓީން ނިންމަންޖެހޭ ކަމެއް އޮތް ނަމަ ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
ކުރިން ޑީއާރުޕީއާއި އެމްޑީޕީގެ ވަރަށް އިސް މަގާމުތަކެއް ފުުރުއްވާ އެ ދެ ޕާޓީ ހިންގުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އަމިއްލަފުޅަށް އަރުވާލެވިގެން ޖަރުމަނުގައި ހުންނެވި ދުވަސްވަރުއެވެ. އަދި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަލީ އިންތިހާބުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު އެޕާޓީގެ ކޮންގްރެސްގައެވެ.