ހަބަރު

392 ގޮޅި ހިމެނޭ މާރުކޭޓެއް އިންޑަސްޓްރިއަލް ވިލެޖުގައި އަޅަނީ

މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުގައި ލޯކަލް މާރުކޭޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އަވަސް އަށް މައުލޫމަތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޖުމްލަ 392 ގޮޅިި ހިމެނޭ ގޮތަށް އިންޑަސްޓްރިއަލް ވިލެޖުގައި ލޯކަލް މާރުކޭޓު އެޅުމަށް ބޭނުންވާ ކުރެހުން މިހާރު ނިމިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މާރުކޭޓުގެ މަސައްކަތް ކުރުމަށް ޕަބްލިކް ވޯކާއި މިހާރު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި މާރުކޭޓު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ރޯދަ މަހަށް މާރުކޭޓުގެ ހުރިހާ މަސައްކަތްތަކެއް ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރޯދައަށް ހާއްސަކޮށްގެން އިންޑަސްޓްރިއަލް ވިިލެޖުގައި އަޅަން ނިންމާފައިވާ މާރުކޭޓުގެ މަސައްކަތް ނިންމުމަށްފަހު މާލޭ ސިޓީ ކައުންސިލް އާއި ހަވާލު ކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް ޕްލޭނިން މިނިސްޓްރީގެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. އަދި ގޮޅިތައް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިޓީ ކައުންސިލުން ކަމަށްވެސް އޭނާ ބުނެއެވެ.

"އަޅުގަނޑުމެން މާރުކޭޓުގެ ޑިޒައިން ނިންމުމަށްފަހު ހަވާލު ކުރާނީ މިނިސްޓްރީގެ ޕަބްލިކް ވޯކްސް އާ. ދެން އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިންމާފަ ސިޓީ ކައުންސިލާ ހަވާލު މި ކުރަނީ ދެ އަހަރު ދުވަހަށް. ދެން އެކޮޅުން ނިންމާނީ މާރުކޭތުގެ ގޮޅިތައް ބަހާނެ ގޮތް. މާރުކޭޓުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާ ސިޓީ ކައުންސިލާ ހަވާލު ކުރާނަން." އޭނާ ވިދާޅުވި އެވެ.

މާލޭގައި ހުރި ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރީ މަރާމާތުކޮށް އާބާތުރަ ފިލުވައި ގޮޅިތަކަށް ބައެއް ބަދަލު ގެނައުމަށް ކަމަށް ބުނެ މިދިޔަ އަަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން ހަ މަސް ދުވަސް ވެފައިވާއިރު ވެސް ހުސްކޮށް ބަންދު ކުރުން ފިޔަވައި މާރުކޭޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

މިކަމާގުޅިގެން ރޯދައަށް ތަކެތީގެ އަގު ބޮޑުވާނެ ކަމަށްބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ދަތުރުވެރިން ގެންނަ މުދާތައް ބަނދަރުމަތީ ޕެލެޓުގަނޑެއްގެ މަތީ ބަހައްޓައިގެން ވިއްކަންޖެހޭތީ ދަތުރުވެރިންވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.