ލައިފްސްޓައިލް

އެންމެ ހެނދުނާ ހިނިތުންވެލާނީ ކިިހިނެއް؟

Sep 4, 2015

މިސްޓަ ބީން ހަދާހެން ތެޅެމުން ފޮޅެމުން ކާރު ތެރެއިން ދަތް އުނގުޅަމުން ގަޑިޖެހިގެން ދަނީ ކިތައް މީހުން ހެއްޔެވެ؟ އެލާމް ގަޑި ދެގަޑި އިރު ކުރިއަށް ލާފަހުންނައިރުވެސް ސްނޫޒް ކުރަމުން ކުރަމުން އެންމެ ފަހުން ތެދުވެވެނީ ގަޑިޖެހެން ބައިގަޑިއިރަށް ވެފަ ހުންނައިރެވެ. ރަނގަޅަށް ސައިނުބޮވެ، ދެލޯ ނުހުޅުވިގެން އުޅެނީސް މީހުން ކުރިމައްޗަށް ނިކުމެ ގަދަކަމުން ހިނިތުންވެގެން ހުންނަން ޖެހޭއިރުވެސް ހުރެވެނީ މޫނު ކުނިކޮށްގެން ހިތާހިތުން އެންމެންނާ ދިމާލަށް އެއްޗިހި ކިޔާލަ ކިޔާލައެވެ. އެކަމަކު މިއީވެސް ރަނގަޅު ގޮތެއް ނޫނެއް ނޫން ހެއްޔެވެ؟ އަވަސް ބަދަލެއް ބޭނުން އެބަވޭ ނޫން ހެއްޔެވެ؟ މިގޮތުން ހޭލާގޮތަށް "ފްރެޝް" ކަންމަތީ ހުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެއް ހުރެއެވެ.

1 ހޭލެވޭގޮތަށް ފެން ބުއިން

ހެނދުނު ހޭލެވޭއިރު މީހާ ހުންނާނީ ޑީހައިޑްރޭޓްވެގެން ގޮސް ތުންފަތް ފެޅޭ ހިސާބަަށް ގޮސްފައެވެ. ޑީހައުޑްރޭޓް ވުމަން މީހާގެ މެޓަބޮލިޒަމް ދަށްވެ، ސިކުނޑި އޮޕަރޭޓް ކުރާ ފިޔުލް ދަށަށްދެއެެވެ. މީގެ ސަބަބުން ވިސްނަން އުނދަގޫވެ މީހާ ވަރުބަލިވެ ކަންނެތްވެއެވެ. މެޓަބޮލިޒަމަށް ކިކެއް ދޭން ބޭނުންވާނަމަ ފުރިޖް ތެރޭގައި ހުރި ކުރީރޭގެ ކާއެއްޗެހި ނުކައި ކޮފީ ފަހުން ބޯން މަޑުކޮށް ހޫނު ލުނބޯ ތައްޓެއް ބޮއެލާށެވެ.

2 ފަނަރަ މިނެޓްގެ ސްޓްރެޗިން

ފާހާނައަށް ވަނުމުގެ ކުރިން 15 ވަރަކަށް މިނެޓް ވަންދެން ސްޓްރެޗް ކޮށްލާށެވެ. ކުޑައިރު ސްކޫލްގެ ޕީއީ ކްލާހަށް ގެންގޮސް ދުވެ ހެދުމުގެ ކުރިން ޓީޗަރު "އެކްސަސައިޒް" ކުރަން ދަސްކޮށްދިންހެން ދެއަތާއި ދެފައި ދަމާލާށެވެ. ނޫނީ ޔޫޓިއުބުން ޔޯގާގެ ހަރަކާތެއް ބަލައިގެން ހަދާށެވެ. ނިދާ ހޭލައިގެން ސްޓްރެޗް ކުުރުމުގެ އެންމެ މުހިއްމު ސަބަބަކީ ނިދާފައި އޮންނަ ގަޑީގައި ހަށިގަނޑުގެ މަސްތައް ގިނަ އިރު ހަރަކާތެއް ނެތިފައި އޮތުމުން ލޭގެ ދަައުރު ދަށްވެ މަސްތަކުގެ ޓިޝޫގައި އޮކްސިޖަން ދަށްވާތީއެވެ.

3 ހެޔޮވަރުގެ ނާސްތާއެއް

ހެނދުނު ކެވޭ އެއްޗަކުން މީހާގެ މުޅި ދުވަސް އުޖާލާ ކޮށް ކަންނެތް ކަން ފިލުވާދެއެވެ. ނާސްތާއަށް އެންމެ އެކަށީގެންވަނީ ފައިބާ އާއި ޕްރޮޓީން ގިނައިން ހުންނަ ބާވަތުގެ ކާއެއްޗިއްސާއި ތަރުކާރީނަމަ ގިނައިން ފެޓްސް ހުންނަ ކެއުމެވެ. ރަނގަޅު ނާސްތާއެއް ކެވިއްޖެނަމަ މެންދުރު ނުކައި ހަވީރު ސައިގަޑި ޖެހެން ދެން ބަނޑުހައި ނުވެ ހުރެވޭނެއެވެ.

4 ޕޮޒިޓިވް ވިސްނުމެއްގަ ހުރުން

ހެނދުނު ހޭލެވޭއިރަށް އެންމެ ފުރަތަމަ ވެސް ގިނަ މީހުންގެ ހަނދާނަށް އަންނަނީ އެއްކަލަ ދުވަހު ނުނިމި ހުރި މަސައްކަތެވެ. އެއަށްވުރެ ނިދުމުގެ ކުރިން، ކުރަން ޖެހޭ މަސައްކަތް ގަޑިން ގަޑިއަށް ބަހާލާށެވެ. އެންމެ ފަސޭހަަ މަސައްކަތް އެންމެ ފުރަތަމަ ކޮށް ނިންމާލާށެވެ. އޭރުންވެސް ލިސްޓުން އެއްބައި މަދުވާނެއެވެ. ކިތައްމެ ކުޑަ އެއްޗަކަށް ވިޔަސް ކުރަންޖެހޭ މަސައްކަތުގެ ލިސްޓު ބޮޑު ވުމުން ބޮލުގެ ރިއްސާލެއް އަވަސްވެއެވެ.

ނޫނީ ތައްޔާރުވާ ގަޑީގަ ހިތްގައިމު ލަވައެއް އަޑުއަހާލާށެވެ. މިއުޒިކް މީހާގެ ސިކުނޑި ތަނަވަސްކޮށްދީ އުފާވެރި ޕޮޒިޓިވް ވިސްނުމެއްގައި ބަހައްޓަދެއެވެ.

5 ފިނިފެނުން ފެންވެރުން

ހަގީގަތުގައި ބުނާނަމަ މަތީގައި ލިޔެވިފައި އެވާ ހުރިހާ ކަމެއް ކޮށްގެންވެސް ވަރުބަލިވާ ދުވަހަކު އެކަމުން ސަލާމަތެއް ނުވެ ގޮސްދާނެއެވެ. އެކަމަކު ހީޓަރު އޮން ކޮށްގެން ފެންވެރުމަށްވުރެ ފިނިފެނުން ފެންވެރުމުން ހަމަ ގައިމުވެސް ނިންޖާ ވަރުބަލިކަން ފިލާދެއެެވެ. ފިނިފެން ގައިގާ ޖެހޭއިރަށް ހަށިގަނޑު ސިއްސައިގެން ގޮސް ގައިގާ ވަރުޖައްސާދެއެެވެ. މީގެ އިތުރުން ހިތުގެ ވިންދު އަވަސް ކޮށް މުޅި ދުވަހު ހަށިގަނޑުގައި ލޭ ދައުރުވާން ފަސޭހަވެއެވެ.