އަޔުޝްމާން ކުރާނާ

ރިސްކް ނަގަނީ ބެލުންތެރިން ފޫހި ވެދާނެތީ: އަޔުޝްމާން

އަޔުޝްމާން ކުރާނާގެ ކޮންމެ ފިލްމަކީ ވެސް ވަރަށް އޮއްޓަރު ހުރި ފިލްމެކެވެ. ބެލުންތެރިން އޭނާގެ ފިލްމުތަކަށް އެހާ ބޮޑު ތަރުހީބެއް ދެނީ ކޮންޓެންޓް މޮޅު ކަމުންނެވެ. ފުރަތަމަ ފިލްމު "ވިކީ ޑޯނާ" އިން ފެށިގެން އެންމެ ފަހުން ރިލީޒްވި އަޔުޝްމާންގެ "ބާލާ" އާ ހަމަޔަށް ވެސް ހުރިހާ ފިލްމެއްގައި ވެސް އޭނާ ކުޅެފައި ވަނީ އާދަޔާޚިލާފު މޮޅު ރޯލު ތަކެކެވެ.

އަޔުޝްމާން ބުނި ގޮތުގައި ފިލްމެއްގެ ކާމިޔާބީ އޭނާ ވަޒަން ކުރަނީ އެ ފިލްމަށް ލިބޭ ފައިސާގެ އަދަދަކުން ނޫނެވެ. އޭނާ ލޯބި ކުރަނީ ވަރަށް ތަފާތު ވައްތަރުގެ ފިލްމުތައް އުފައްދާށެވެ. އެހެންވެ އޭނާ ކުޅޭ ފިލްމުތަކާ އެހެން އެކްޓަރުންގެ ފިލްމުތައް އެހާ ބޮޑަށް ތަފާތު ވަނީ އެވެ.

"އަހަރެން އަބަދުވެސް ބޭނުން ވަނީ އެމީހުންނަށް ތަފާތު ވައްތަރެއްގެ ސިނަމާއެއް ދައްކަން އަހަރެން ރިސްކް ނަގައިގެން ކުރާ މަސައްކަތް ބެލުންތެރިން ގަބޫލު ކުރުން،" އަޔުޝްމާން ބުންޏެވެ.

އަޔުޝްމާން މިހާޜު ތައްޔާރުވަނީ "ޝުބް މަންގަލް ޒިޔާދާ ސާވްދާން" ރިލީޒް ކުރުމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަބަދު އެއް ވައްތަރެއްގެ ފިލްމުތައް ބަލަން ބެލުންތެރިން ފޫހިވާނެ އެވެ. އެހެންވެ އޭނާ އަބަދުވެސް ބޭނުންވަނީ ދުވަހަކު ވެސް މީގެ ކުރިން ފެނިފައި ނުވާ ކަހަލަ ފިލްމުތައް ދައްކާށެވެ.

"އަހަރެންނަށް ވެސް މިއީ ހަމަ ދަސްކުރުމުގެ މަރުހަލާއެއް. އެކްޓަރެއްގެ ގޮތުގައި ކޮންމެ ފިލްމަކާއެކު އަހަރެންނަށް ވެސް ކުރިޔަށްދާން ފުރުސަތު ލިބޭ،" އޭނާ ބުންޏެވެ.

"ޝުބް މަންގަލް ޒިޔާދާ ސަވްދާން" ގައި އަޔުޝްމާން ކުޅެނީ އެއް ޖިންސުގެ މީހަކު ދެކެ ލޯބިވެގެން އުޅޭ ފިރިހެނެއްގެ ކެރެކްޓާ އެކެވެ. އޭނާ ދެކޭ ގޮތުގައި މިއީ އަދި ދުވަހަކު ވެސް ފިލްމަކުން ފެނިފައި ނުވާ ކަހަލަ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ. މި ފިލްމުން ހަޔާތުގެ މުހިއްމު ކަންތައްތަކަކާއި މުޖުތަމައުގެ ރަނގަޅު ފިލާވަޅުތަކެއް ދަސްވާނެކަމަށް އޭނާ ޔަގީން ކުރެ އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމުގައި އަޔުޝްމާން ރޮމޭންސް ކުރަނީ ޖީތެންދުރަ ކުމާރު ކިޔާ އެކްޓަރަކާ އެވެ. އާނަންދް އެލް ރާއީ ޑައިރެކްޓްކުރާ މި ފިލްމުގައި ވަރަށް ހުނަރުވެރި ގިނަ އެކްޓަރުން ތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އަޔުޝްމާން އާއި ޖިތެންދުރަގެ އިތުރުން ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ، މަނޫރިޝީ ޗައްޑާ، ސުނީތާ ރާޖްވަރް، މާންވީ ގަގްރޫ ފަދަ ތަރިން ބައިވެރިވެ އެވެ.