ހަބަރު

މަޖިލީހަށް 444 ރުފިޔާ ނަޝީދު ދައްކަން އޭސީސީން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އަމިއްލަފުޅު ދަތުރުފުޅެއްގައި މަޖިލީހުގެ ދެ މުވައްޒަފަކު ބައިވެރި ކުރި މައްސަލަގާއި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ރައީސް ނަޝީދު ދެއްކެވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނަށް އަންގަވައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ އަތޮޅުތަކުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެހެން ދަތުރުފުޅުތަކެއް ކުރައްވައި އެ ދަތުރުފުޅުތަކުގައި މަޖިލީހުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރި މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އޭސީސީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނަޝީދު ރަސްމީ ދަތުރަކަށް ކުރެއްވީ ވިލިނގިލީގައި ބޭއްވި ދެކުނުގެ މަހާސިންތާއަށެވެ. އޭގެ ފަހުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް 133ެ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއީ މަހާސިންތާގައި ނުހިމެނޭ ދެ ދަތުރަކަށްވެފައި، އޭރު ކޫއްޑޫ އިން މާލެއަށް ދަތުރުތަކުގެ އަގަކީ 1222 ރުފިޔާ ކަމަށް ވުމުން ޓިކެޓަށް ހަރަދުކޮށްފައިވާ އިތުރު 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދިނުމަށް އެ ކޮމިޝަނުން ނަޝީދަށް ވަނީ އަންގައިފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭސީސީގެ ނިންމުމަށް ގޮންޖައްސަވައި ޗެލެންޖު ކުރައްވަން އެމަނިކުފާނު ބޭނުުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް މަޖިލީހުގެ މެންބަރަކު އެ ފައިސާ ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވީ، ރައީސް ނަޝީދަށް 444 ރުފިޔާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެކަމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރާއި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް ވެސް ވިދާޅުވީ އެ ފައިސާ ދެވިދާނެ ކަމަށެވެ. އެކަމަކު އެއިން ވެސް ހިޔާނާތް މައްސަލައެއް އައިސް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.