ހަބަރު

ހާތިފާއި މަޒީދަށް، ޗާޓަޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓާސްގެ މެންބަރުކަން

Feb 19, 2020
2

ހައިކޯޓަށް މިފަހުން އައްޔަން ކުރެއްވި ދެ ފަނޑިޔާރު ކަމަށްވާ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސެއިން މަޒީދަށް، ޗާޓަޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓާސްގެ މެންބަރަކަށްވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފި އެވެ.

ދެ ބޭފުޅުންނަށް އެ ފުރުސަތު ލިބިވަޑައިގެންނެވީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ޗާޓަޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓާސް އިން ހިންގާ އެކްސެލެރޭޓާޑް ރޫޓް ޓު މެންބާޝިޕް (އިންޓަނޭޝަނަލް އާބިޓްރޭޝަން) ގައި ރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރުން ބައިވެރިވެވަޑައިގެން އެ ކޯހުގެ އެގްޒެމިނޭޝަނުން ފާސްވެވަޑައިގެންފައިވާތީ އެވެ.

ފަނޑިޔާރު ހާތިފާއި މަޒީދު، އެކްސެލެރޭޓާޑް ރޫޓް ޓު މެންބަޝިޕް ކޯހުގައި ބައިވެރިވެވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިއީ ރާއްޖޭގެ ފަނޑިޔާރަކަށް މި ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު އަތުގައި ވެސް މެންބަޝިޕް އޮވެ އެވެ. ނަމަވެސް އެއީ ފަނޑިޔާރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ލިބިވަޑައިގެންނެވި ޝަރަފެކެވެ.

ފަނޑިޔާރު ހާތިފް ހިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފަނޑިޔާރު ހާތިފް ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓާނީކަމާއި މަދަނީ ކޯޓުގެ ގާޒީކަމާއި، ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުން، ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

ފަނޑިޔާރު ހުސައިން މަޒީދަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މަޒީދު ފަނޑިޔާރެއްގެ ހައިސިއްޔަތުން ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ 24 މާޗް 2009 ގައެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވުމުގެ ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި، ސިވިލް ކޯޓުގެ ގާޒީކަމާއި، އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ހިމެނެއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ ކަންވެސް މަޒީދު ކުރައްވާފައިވެއެވެ. މީގެ އިތުރުން މަޒީދަކީ 2002 ވަނަ އަހަރުން ފެށިގެން، ގާނޫނީ ވަކީލެއްގެ ގޮތުން، ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.