ބޮލީވުޑް

ފިލްމްފެއާ އެވޯޑް ބޯއިކޮޓް ކުރަން ގޮވާ އަޑު ގަދަވެއްޖެ

އިންޑިޔާގެ ގުވަހާޓީގައި ފެބްރުއަރީ 15 ވަނަ ދުވަހުގެރޭ ބޭއްވި 65 ވަނަ ފިލްމްފެއާ އެވޯޑު ދިނުމުގެ ހަފުލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންގޮސްފައި ވަނީ "ގަލީ ބޯއީ" އިން ރަންވީރު ސިންގް އެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް ހަމަ އެ ފިލްމުން އާލިއާ ބަޓް އަށް ލިބިފައި ވެއެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ ވެސް "ގަލީ ބޯއީ" އުފެއްދި ޒޯޔާ އަޚްތަރު އަށެވެ.

ބެސްޓް ޑެބިއު ފީމޭލް ލިބުނީ އަނަންޔާ ޕާންޑޭ އަށެވެ. އެވޯޑުތައް މިފަހަރު ދީފައި ހުރި ގޮތުން ފިލްމްފެއާ އެވޯޑު އިންސާފުވެރި ނޫންކަމަށް ބުނެ ގިނަ ބަޔަކު މިހާރު ދަނީ ސޯޝަލް މީޑިއާގައި ފިލްމްފެއަ ދެކޮޅަށް ވާހަކަދައްކައި ބޮއިކޮޓްކުރަން ގޮވަމުންނެވެ.

"ބޮއިކޮޓް ފިލްމްފެއާ އެވޯޑްސް" ޓުވިޓާގައި މިހާޜު ވަރަށް ބާރަށް ދަނީ ޓްރެންޑް ވަމުންނެވެ. ޝޯ އޮގަނައިޒްކުރި ފަރާތަށް ގިނަ ބަޔެއްގެ ރުޅިވެރިކަން އަމާޒުވެފައިވާއިރު މިފަހަރަކީ ވަރަށް ނާއިންސާފުން އެވޯޑުތައް ބަހާފައިވާ ފަހަރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ"ގައި ރަންވީރު އަދާކުރި ރެޕާގެ ރޯލު ރަނގަޅު ކަމަށް ގިނަ ބަޔަކު އެއްބަސްވި ނަމަވެސް އެމީހުން ބުނަނީ މި ފިލްމަށް 13 އެވޯޑު ހައްގެއް ނޫން ކަމަށެވެ.

އެންމެ މޮޅު ފިލްމު، އެންމެ މޮޅު ބަތަލު، އެންމެ މޮޅު ބަތަލާ، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން) އެވޯޑު ވެސް ލިބުނީ "ގަލީ ބޯއީ" ގައި މުހިއްމު ބައެއް އަދާކުރި އަމްރުތާ ސުބާޝް އަށެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓިން (ފިރިހެން) ލިބުނީ ހަމަ މި ފިލްމުން ސިދާރްތު ޗަތުރަވޭދީ އަށެވެ. ބެސްޓް މިއުޒިކް، ބެސްޓް ލިރިކްސް، ބެސްޓް ސްކްރީންޕްލޭ އަދި ބެސްޓް ޑައިލޯގް ވެސް ލިބުނީ ހަމަ "ގަލީ ބޯއި" އަށެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އާއި "ޕަތީ ޕަތުނީ އައުރް ވޯ" ކުޅެގެން އަނަންޔާ އަށް ބެސްޓް ޑެބިއު އެވޯޑު ލިބުމަކީ ވެސް ވަރަށް ގިނަ ބަޔަކު ރުޅިގަދަވި ކަމެކެވެ.

އަކްޝޭ ކުމާޜުގެ "ކެސާރީ" އާއި ރިތިކް ރޯޝަންގެ "ސުޕަ 30" އަކީ އިންތިހާއަށް މޮޅު ފިލްމުތައް ނަމަވެސް އެއްވެސް ކެޓަގަރީއަކުން އެންމެ އެވޯޑެއް ވެސް މި ފިލްމުތަކަށް ލިބިފައި ނުވުމަކީ ވެސް އެންމެގެ ރުޅިގަނޑު ފަޅައިގެންދިޔަ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

"ކެސާރީ"ގެ "ތޭރީ މިއްޓީ" އަށް ބެސްޓް ލިރިކްސް އެވޯޑު ނުލިބި "ގަލީ ބޯއި" ގެ އަޕްނާ ޓައިމް އާއެގާ" އަށް މި އެވޯޑު ލިބުމުން "ކެސާރީ"ގެ ލިރިސިސްޓް މަނޯޖް މުންތަޝިރް ވެސް ވަނީ ވަރަށް ހިތްހަމަނުޖެހި ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރު ފާޅުކޮށްފަ އެވެ. މިގެ ފަހުން ބާއްވާ އެއްވެސް އެވޯޑު ޝޯއަކަށް ނުދާން ނިންމާފައިވާ ކަމަށް މަނޯޖް ބުނެފައި ވެއެވެ.

ފިލްމްފެއާ އެވޯޑާއި އެނޫންވެސް ބޮލީވުޑް ފިލްމުތަކަށް ދޭ އެވޯޑުތަކުގެ ނާއިންސާފުކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ.

މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު މީގެ އެތައް އަހަރެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ފުރަތަމަ ފިލްމު "ބޮބީ" އަށް ލިބުނު ފިލްމްފެއާ އެވޯޑަކީ އޭނާ 33،000 ރުޕީސް އަށް ގަނެފައިވާ އެވޯޑެކެވެ.
ރިޝީގެ މި ވާހަކައާއެކު އެވޯޑަކީ އެންމެ ފައިސާވެރި މީހާއަށް ގަނެވޭނެ އެއްޗެއްކަން ސާބިތުވާ ކަމަށް އޭރުވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ގިނަ އެވޯޑު ޝޯތަކުގައި އިންސާފެއް ނެތުމުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ޚާން ފަދަ ތަރިން މިހާރު އެއްގޮތަކަށް ވެސް އެވޯޑު ހަފުލާ ތަކަކަށް ނުދެ އެވެ. ފިލްމްފެއާ އެވޯޑު ދިން ގޮތާ ހިތްހަމަޖެހިފައިވާ މީހަކު ވަނީ ފިލްމްފެއާގެ ވިކިޕީޑިއާ ޕޭޖް ހެކްކޮށް އޭގައި ހުރި މައުލޫމާތުތައް ބަދަލުކޮށް ގެއްލުން ދީފަ އެވެ.