ހަބަރު

އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެނީ

ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބި ހާލު ސީރިއަސް ވެގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ދަރުބާރުގެއާއި މޫންލައިޓް ހިނގުން ގުޅުނު ކަންމަތީ ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓްގައި ޒުވާނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

އުމުރުން 19 އަހަރުގެ އެ ޒުވާނާއަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައިވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭ ނެތް ކަމަށް އެނގިފައިވެއެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ނޫން ކަމަށާ އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.