ރައީސް މުހައްމަދު ނަޝީދު

ނަޝީދު އޭސީސީއަށް: އެހެން ކަންކަންވެސް ބައްލަވާތި!

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަންޖެހޭ ހުރިހާ ކަމެއްވެސް ރަނގަޅަށް ބައްލަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަމިއްލަފުޅު ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމަށް ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް އެކަމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ އެންމެހާ ކަންކަންވެސް ވީހާވެސް ގާތުން ރަނގަޅަށް ބެއްލެވުމަކީ އެމަނިކުފާނު ދެކޭގޮތުގައި އޭސީސީއިން ކުރައްވާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"އަޅުގަނޑު ޔަގީންކުރަން އެެހެން ހުރިހާ ކަމެއްވެސް ރަނގަޅަށް ބައްލަވާނެ ކަމަށް." އޭސީސީގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށް ބުނާ މައްސަލަ ބެލުމަށްފަހު އޭސީސީން މިއަދު ވަނީ ކަންތައްތަކެއް އިސްލާހު ކުރުމަށް އަންގާފައެވެ. އޭސީސީގެ އެ ނިންމުން މަޖިލީހުގެ އިދާރާގެ ރަސްމީ އިދާރާގެ ޓްވިޓާ އެކައުންޓުން ވަނީ ޓްވީޓްވެސް ކުރައްވާފައެވެ. އަދި ނަޝީދު ވަނީ ރިޔާސަތުގައި އިންނަވާ އޭސީސީގެ ނިންމުން ވިދާޅުވެދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އޭސީސީގެ ނިންމުމަށް ގޮންޖައްސަވައި ޗެލެންޖު ކުރައްވަން އެމަނިކުފާނު ބޭނުުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް މަޖިލީހުގެ މެންބަރަކު އެ ފައިސާ ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އެއާއެކު ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވީ، ރައީސް ނަޝީދަށް 444 ރުފިޔާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަޝީދު ވަނީ އެ މައްސަލާގައި ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ އޭނާ ހުންނެވީ ޕީޕީއެމްގެ ފަރާތުން ދައްކަންޖެހޭ އެއްޗެއް ދައްކަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެމަނިކުފާނަކީ ވިޔަފާރިވެރިއެއްކަން ފާހަގަކުރައްވާ އެ ފައިސާ އެއްކޮށް ދެއްކެވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޕީއެންސީގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ އެޕާޓީއަކީ ވަރަށް ނަޒާހަތްތެރި ޕާޓީއެއް ކަމަށާ ކޮރަޕްޝަނަށް ނުވާނަމަ ފައިސާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމްޑީޕީން ވަނީ އޭސީސީގެ ނިންމުމާ ޗެލެންޖް ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި މިއީ އޭސީސީން މަޖިލީހާއި، މަޖިލީހުގެ ރައީސްގެ ކިބައިން ހިފި ބަދަލެއްގެ ގޮތުގައިވެސް ސިފަކުރެއްވިއެވެ. އަދި ބޮޑީގާޑުންނަކީ ރައީސް ނަޝީދު ވަޑައިގަންނަވާ ކޮންމެ ތަނަކަށް ދައުލަތުން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ވަޑައިގަންނަވާ ބަޔަކަށްވާތީ އޭސީސީގެ ނިންމުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ އޭސީސީގެ ނިންމި ނިންމުމުގެ ޒިންމާ ޑިފެންސް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ބަޔާންކޮށް މިނިސްޓަރު މާރިޔާއަށް ސިޓީއެއް ފޮނުއްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ރައީސް ނަޝީދުވެސް ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ތަންތަނަށް ވަޑައިނުގަތުމަށް ޝިޔާމް އެދިވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ އަތޮޅުތަކުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެހެން ދަތުރުފުޅުތަކެއް ކުރައްވައި އެ ދަތުރުފުޅުތަކުގައި މަޖިލީހުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރި މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އޭސީސީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނަޝީދު ރަސްމީ ދަތުރަކަށް ކުރެއްވީ ވިލިނގިލީގައި ބޭއްވި ދެކުނުގެ މަހާސިންތާއަށެވެ. އޭގެ ފަހުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް 1333 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއީ މަހާސިންތާގައި ނުހިމެނޭ ދެ ދަތުރަކަށްވެފައި، އޭރު ކޫއްޑޫ އިން މާލެއަށް ދަތުރުތަކުގެ އަގަކީ 1222 ރުފިޔާ ކަމަށް ވުމުން ޓިކެޓަށް ހަރަދުކޮށްފައިވާ އިތުރު 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދިނުމަށް އެ ކޮމިޝަނުން ނަޝީދަށް ވަނީ އަންގައިފަ އެވެ.