ހަބަރު

ޓްރާންސްޕޯޓަށް މުވައްޒަފުން ނުނަގާ މަޑުޖައްސާލަން އަންގައިފި

Feb 20, 2020
10

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަކި ކުރި ނުވަ މުވައްޒަފެއްގެ ބަދަލުގައި އާ މުވައްޒަފުން ނުނަގާ މަޑުޖައްސާލަން ސިވިސް ސާވިސް ކޮމިޝަންއަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލްއިން އަމުރުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިދިޔަ މަހު ވަކި ކުރި 11 މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފަކު އެ މައްސަލާގައި ޓްރިބިއުނަލްއަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ނިމެންދެން ވަޒީފާއަށް އާ މީހުން ނެގުން މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ޓްރިބިއުނަލްއިން ނެރުނު އަމުރުގައި ބުނީ މައްސަލަ ނުނިމެނީސް އެ މަގާމުތަކަށް އާ މުވައްޒަފުން ނަގައިފިނަމަ ވަކި ކުރި މުވައްޒަފުންގެ ހައްގުތަކަށް އުނި ކަމެއް އަތުވެދާނެ ކަމަށެވެ. ވަޒީފާ އަލުން ދޭން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެކަން ނުކުރެވިދާނެ ކަމަށް ވެސް ފާހަގަ ކުރި އެވެ.

އެހެންވެ، ތިން މެންބަރުންގެ އިއްތިފާގުން އަމުރު ކުރީ، އާ މުވައްޒަފުން ނެގުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

ޓްރާންސްޕޯޓުން މިނިސްޓްރީއިން މުވައްޒަފުން ވަކިކުރި މައްސަލަ ވަރަށް ހޫނުވެގެން ދިޔަ އެވެ. އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ވެސް ހާޒިރުކުރި އެވެ. މިނިސްޓަރު ނަހުޮލާ ވިދާޅުވެފައިވަނީ ގާނޫނާ ހިލާފަށް އެއްވެސް ފިޔަވަޅެއް މުވައްޒަފަކަށް ނާޅާ ކަމަށެވެ.