ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ހާލަތު ދަނީ ރަނގަޅުވަމުން، އުއްމީދަކީ ދަތުރުތައް އަވަހަށް ފެށުން: ޗައިނާ ސަފީރު

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއާއި ޗައިނާއާ ދެމެދު ކުރާ ދަތުރުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ދެ ގައުމަށް ވެސް އޭގެ އަސަރުތަކެއް ކުރަމުންދާ ކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް ހާލަތުން އަރައިގަނެ ދަތުރުތައް އަލުން ފެށުން ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ޗައިނާއަށް ދިމާވި ދަތި ހާލަތުގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.

އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމްދަރުދީ ފާޅު ކުރައްވައި ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އަދި އެ ސިޓީގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން ޗައިނާއަށް އެއް މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމާފައިވާ ކަން ރައީސް ވިދާޅުވެފައިވާ ކަމަށް ޗައިނާގެ ސަފީރު ފާހަގަ ކުރެއްވި އެވެ.

ސަފީރު ވިދާޅުވީ، ވައިރަސް އެންމެ ފުރަތަމަ ފެތުރެމުން ގޮސްފައިވާ މިންވަރާ އަޅާ ބަލާއިރު، މިހާރު ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުންނާއި އެކުވެރި ގައުމުތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން މަޑުމަޑުން އެ ކަމުން އަރައިގަނެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ރާއްޖޭން ވެސް ހަރުދަނާ އަދި މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެ ގޮތުން މި ހާލަތުގައި ރާއްޖެއަށް ޗައިނާގެ ފްލައިޓްތައް ހުއްޓުމުން ރާއްޖޭގެ އިގްތިސާދަށާއި ޗައިނާގެ އިގްތިސާދަށް ވެސް އަސަރުތަކެއް ކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އެހެންވިޔަސް މި ދަނޑިވަޅަށް އެއީ މުހިއްމު ފިޔަވަޅެއް ކަމުގައި އޭނާ ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ.

"މި ވަގުތަށް ޑައިރެކްޓް ފްލައިޓްތައް މަޑުޖައްސާފައި އޮތުމުގެ ސަބަބުން ބައެއް މަޝްރޫއުތައް ވެސް މަޑުޖެހި އަސަރު ކުރެވެމުންދާނެ. އެއީ ބައެއް މަޝްރޫއުތައް ހިންގުމަށްޓަކައި ރަނގަޅު މީހުން ޗައިނާ ނުގެނެވުން." ސަފީރު ވިދާޅުވި އެވެ.

ނަމަވެސް މިހާރު ވައިރަސްގެ ހާލަތް ރަނގަޅުވަމުންދާއިރު، ވީއެންމެ އަވަހަކަށް ޗައިނާއާއި ރާއްޖެއާ ދެމެދު މިހާރު މަޑުޖައްސާފައިވާ ފްލައިޓްތައް އަލުން ފެށޭނެ މިންވަރަށް އެ ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެ ގައުމުން ގުޅިގެން މި ކުރާ މަސައްކަތުގައި އެ ހާލަތަށް ކަންކަން ގެންދެވޭނެ ކަމަށެވެ.

ޗައިނާ މެޝިނަރީ އެންޑް އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖޭގައި ކަރަންޓީން އޭރިއާއެއް ގާއިމު ކުރުމަށް 10،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. އެއީ ހަ ދުވަހުގެ ތެރޭގައި އެޅި އިމާރާތާއި އެ ތަނަށް ބޭނުންވާ ހުރިހާ ފާރުނީޗަރަކާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެ ގޮތުން ކުންފުނީގެ އަށް މުވައްޒަފަކު އެ ކަމަށްޓަކައި ރާއްޖެ ފޮނުވި އެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު މި ވައިރަސް މިހާތަނަށް 75000 އަށްވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު، މިހާތަނަށް 2200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް މިހާރު ބަލި ޖެހޭ މީހުން ރަނގަޅުވާ ނިސްބަތް އިތުރުވެ ބަލި ޖެހެމުންދާ ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ.