ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަލީބާބާއިން ރާއްޖެއާއި ނުވަ ގައުމަކަށް އެހީވަނީ

ޗައިނާގެ އަލީ ބާބާ ގްރޫޕްގެ ފަރާތުން ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ސަރަހައްދުގެ 10 ގައުމަކަށް ކޮވިޑް-19 އިގެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބައެއް ތަކެތި ހަދިޔާ ކުރަން ނިންމައިފި އެވެ.

ޗައިނާގެ އަލިބާބާ ގްރޫޕްގެ ފައުންޑަރު ޖެކް މާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭޝިއާގެ 10 ގައުމަކަށް 1.8 މިލިއަން މާސްކް އާއި، 210،000 ޓެސްޓް ކިޓާއި، 36،000 ރައްކާތެރި ޝޫޓްގެ އިތުރުން ގިނަ އަދަދެއްގެ ވެންޓިލޭޓަރާއި ތާމޯމީޓަރު ހަދިޔާ ކޮށްދެއްވާނެ ކަމަށެވެ.

ޖެކް މާ ވިދާޅުވި ގޮތުގައި، އެ ގްރޫޕުން އެ ތަކެތި ހަދިޔާ ކޮށްދެއްވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ޕާކިސްތާނާއި، ސްރީ ލަންކާ އާއި ބަންގްލަދޭހާއި ނޭޕާލާއު އަފްޣާނިސްތާނާއި މިޔަންމާ އާއި މޮންގޯލިއާ އާއި ލާއޯސް އަދި ކެމްބޯޑިއާ އެވެ.

ރާއްޖެއަށް ޗައިނާގެ އަލީ ބާބާ ގްރޫޕް އިން ކޮވިޑް-19 އަށް ފަރުވާ ދޭ ބައެއް ތަކެތި ހަދިޔާ ކޮށްދޭން ނިންމިއިރު، އެމެރިކާއިން ވެސް ވަނީ ރާއްޖެއަށް އެފަދަ ބައެއް ތަކެތި ހަދިޔާ ކޮށްދީފަ އެވެ. އަދި އިންޑިއާ އިން ވަނީ
އެ ބަލިން ފަރުވާ ދިނުމަށް ޓަކައި ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.

އިންޑިއާގެ ސިއްހީ މާހިރުންގެ ޓީމެއް ވެސް ރާއްޖެއަށް އައިސްފައިވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދީ ރަނގަޅު ކުރެވިފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. ރާއްޖޭން އެ ވައިރަސް އަށް ޕޮޒިޓިވް ކަމަށް ފެނިފައި ވަނީ ހަތަރު ރިސޯޓެއްގައި ތިބި މީހުންތަކަށާއި ސަފާރީއެއްގައި ތިބި ދެ މީހަކަށެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުމުން ކޮންޓްރޯލް ކުރުމަށް ޓަކައި އެ ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖެއަށް ސަފާރީތަކާއި ޔޮޓްތަކާއި މެރީނާތައް އައުން ވެސް ވަނީ މަނާކޮށްފަ އެވެ. ރިސޯޓްތަކުން ރަށްރަށަށް މީހުން ދިއުން ވެސް މަނާކޮށްފައިވެ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހަށް ކަރަންޓީނު ކުރެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ. އަންނަ ބުރާސްފަތި ދުވަހަށް ސަރުކާރު ބަންދުކޮށް، ސްކޫލްތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ސިނަމާތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.