ހަބަރު

ކަޅުވަކަރު މިސްކިތުގައި ވަޅު ބަހައްޓައިފި

މީގެ ކުރިން ކަޅުވަކަރު މިސްކިތުގައި ބޭނުން ކުރި ވަޅު، މިހާރު ރާވަމުންދާ ކަޅުވަކަރު މިސްކިތުގައި މިއަދު ބަހައްޓައިފި އެވެ.

ކުރިން ދިރާގުގެ ހެޑް އޮފީސް ހިންގަމުން އަންނަ ބިމުގައި ރާވަމުން އަންނަ ކަޅުވަކަރު މިސްކިތުގެ ވަޅު މިއަދު ރަސްމީކޮށް ބަހައްޓާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ހެރިޓޭޗްގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދުއިސައްތަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަޅުވަކަރު މިސްކިތް ރޭވުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މި މިސްކިތް އަލުން ހުޅުވޭނެ ތާރީހެއް އަދި ނޭނގެ އެވެ. ހެރިޓޭޖް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިމުމުން އެ މިސްކިތް ބަހައްޓާނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މި މިސްކިތުގައި އާންމުންނަށް ނަމާދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލޭގައި ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 2.9 މިލިއަން ރުފިޔާ އަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ 2016 ވަނަ އަހަރު އެވެ. މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ފާޑުކިއުންވެސް ކުރީ ސަރުކާރަށް އަމާޒުވި އެވެ