ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބުގެ ކުރިން އެމްޑީޕީއަށް ތިން ގޮނޑި

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އެމްޑީޕީއަށް ތިން ގޮނޑި ޔަގީންވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފޯމް ހުށައެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެ ފުރުސަތު ހަމަވިިއިރު، ނ. ކުޑަފަރީ ކައުންސިލްގައި އަންހެންނަށް ހާއްސަ ކޮށްފައިވާ ދެ ގޮނޑިއާ، ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ. އެ ތިން ކެންޑިޑޭޓުންނަކީވެސް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެހެން ކަމުން އިންތިހާބު ބާއްވަން ނުޖެހި އެ ތިން ކެންޑިޑޭޓުންނަށް ގޮނޑި ވަނީ ކަށަވަރުވެފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ކުޑަފަރީ ގޮފިން އަދި އެޕާޓީގެ ސޯޝަލް މީޑިއާގެ އެކްޓިސްޓުން ވަނީ އެކަން ފާހަގަކޮށްފައެވެ.

ކައުންސިލް އިންތިހާބުގެ ފޯމް ހުށައެޅުމުގެ ފުރުސަތު ބަންދުވެފައިވާއިރު، މުއްދަތު ހަމަވިއިރު ހުށައަޅާފައިވަނީ ކިހާ އަދަދެއްގެ ފޯމެއް ކަމެއް އިލެކްޝަންސް ކޮމިޝަނުން އަދި ނުބުނެއެވެ.

ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވެ.

މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ.