ހަބަރު

ކޮންމެ ކަމަކަށް ކޮމިޝަން އުފައްދާތީ ޖަމީލް ފާޑުވިދާޅުވެއްޖެ

ކޮންމެ ކަމަކަށް ކޮމިޝަން އުފައްދައިގެން ނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އުފައްދަވާފައިވަނިކޮށެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ މި ސަރުކާރު ފެންނަނީ ކޮމިޝަން ހަދައިގެން ނޫނީ އެއްވެސް ކަމެއް ހައްލު ނުކުރެވޭ ސަރުކާރެއްގެ ގޮތުގައެވެ. އަދި ހައްލު ކުރަންޖެހޭ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާ އެއިން ކޮންމެ ދާއިރާއަކުންވެސް ކޮމިޝަންތައް އުފައްދަވަން ޖެހޭނެ ނޫންތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

"ކޮންމެ ކަމަކަށްދޭ ކެޕްސޫލެއްގެ ގޮތުގައި ކޮމިޝަންތައް އުފައްދައިގެން ނޫނީ އެއްވެސް ކަމެއްގެ ހައްލު ނުހޯދެނީތޯ؟. ޓްރެފިކް މައްްސަލަ، ހައުސިން، އެންމެ ކުޑަ އުޖޫރަ، ބަދަލު ދިނުން އަދި ވަޒީރުންގެ އަހުލާގު މިއީ ތިޔަ އުސޫލުން ކޮމިޝަން އުފައްދަންވީ ކަންތައްތައް." ސަރުކާރަށް ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ގިނަ ކޮމިޝަންތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ދެ ކޮމިޝަން އުފައްދާފައެވެ. އަދި އޭގެ ފަހުން ގިނަ ކޮމެޓީތަކެއްވެސް ވަނީ އުފައްދާފައެވެ.

އެ ކޮމިޝަންތަކާއި، ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސްއެއް ކަނޑައަޅާފައިވާއިރު އެކަމަށް ދައުލަތުން ހޭދަކުރާ ފައިސާއާ ގުޅޭ ތަފްސީލް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

ގިނަ ކޮމިޝަންތަކާ، ކޮމެޓީތަކެއް ސަރުކާރުން އުފެއްދި ނަމަވެސް މިހާތަނަށް އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.