ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް އައު ދައުރަކަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެން މޭޔަރު ޝިފާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށެވެ.
ޝިފާ ވަނީ މާލޭގެ އާންމު ފާހާނާތައް މުޑުދާރުވެ މައްސަލަ ބޮޑުވުމާއި، މާރުކޭޓް ގޮޅި ސަޕްލަޔަރުންނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ މާ ރަނގަޅުވީސް ކަމަށް ވިދާޅުވެފައެވެ.
މި ޓްވީޓްގައި ޝިފާ އިޝާރާތް ކުރައްވާފައި އެވަނީ އޭނާއާ ދެކޮޅަށް މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ކުރައްވާ ތުހުމަތުތަކަށެވެ. ހާއްސަކޮށް މާރުކޭޓްގެ ގޮޅިތައް ވަކި ބަޔަަކަށް ދިނުމަށް ޝިފާ މަސައްކަތް ކުރެއްވި ކަމަށް ކައުންސިލްގެ ބައެއް މެންބަރުން ކުރައްވާ ތުހުމަތަށެވެ.
އަދި މި ނޫންވެސް ވަރަށް ގިނަ ކަންކަން ޝިފާގެ މޭޔަރު ކަމުގައި އުސޫލުން ބޭރުން ކޮށްފައިވާކަން ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ތުހުމަތު ކުރެެއެެވެ.
މާލެ ސިޓީގައި އެމްޑީޕީގެ ސާފު އަގްލަބިއްޔަތު އޮތް ނަމަވެސް ބައެއް މެންބަރުންނާއި ޝިފާގެ ގުޅުން ވަރަށް ގޯހެވެ.
ޝިފާގެ މި ޓްވީޓަށްވެސް ކައުންސިލް މެންބަރު ފަޒީން ވަނީ ރައްދު ދެއްވާފައެވެ.
ޝިފާއަށް އަަބަދުވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ގެންދާ މެންބަރު ފަޒީން ވިދާޅުވީ ޝިފާގެ އެ ވާހަކަތަކަކީ ހުރިހާ ކަމެއް ހިންގުމަށްފަހު ބޭޒާރުވުމުން ސަލާމަތްވާން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"ތެދެއް ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރި ކަމެއް. މައްސަލައެއް މުއައްސަސާއަކަށް ހުށައެޅީމަ މި އެނގެނީ ކީއްވެކަން މީހުން ލޮލަށް ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދަނީ." ޝިފާއަށް ރައްދު ދެއްވާ ފަޒީން ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން މި ނިމޭ ދައުރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އިންތިހާބު ބޯމަތިވުމުން ބައެއް މަޝްރޫއުތައް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.