ޕީޕީއެމް

ކައުންސިލް އިންތިހާބަށް އިދިކޮޅުން 675 ކެންޑިޑޭޓުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން 675 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކައުންސިލް އިންތިހާބަށް ފުރުސަތު ހުޅުވާލުމުން ޕާޓީގެ މެންބަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެ ގޮތުން ކައުންސިލް އިންތިހާބުގައި 675 ކެންޑިޑޭޓުން ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް އެޕާޓީގެ ޓިކެޓަށް އެދި ގިނަ އަދަދެއްގެ މެންބަރުން އެދުމަކީ ރައީސް ޔާމީނަށް ރާއްޖޭގައި އޮތް ތާއީދު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ރައީސް ޔާމީން މިނިވަން ކުރުމަށް މެންބަރުން ބޭނުންވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

އަބްދުއްރަހީމް ވަނީ ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުންވެސް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ގޮވާލާފައެވެ. އަދި މިއީ ގައުމު މިހާރު އޮތް ހާލަތުން ބަދަލު ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އެޕާޓީގެ މެންބަރުންނާއި، ސަޕޯޓަރުންގެ ކިބައިން އެދެނީ އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހުގެ މެންދުރު 14:00 ކުރިން ހުރިހާ މެންބަރުންވެސް ވޯޓް ދިނުމަށް ކަމަށެވެ. މިފަހަރުގެ އިންތިހާބުގައިވެސް ވޯޓާ ކުޅެން މަސައްކަތް ކުރާނެ ކަމަށާ އެ ފުރުސަތު ނުދިނުމަށްވެސް އަބްދުއްރަހީމް މެންބަރުންނަށް ގޮވާލެއްވިއެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14
  • ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 46

ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ހުރިހާ ގޮނޑިތަކަށް ކެންޑިޑޭޓުން ހަމަކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ، ޑީއާރުޕީ އަދި އެމްއާރުއެމްވެސް ވަނީ ބައެއް ގޮނޑިތަކަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް ހާމަކޮށްފައެވެ.