ފިނިޕޭޖް

ސީޒަންގެ އާ ފިލްމުގެ ޓީޒާ ދައްކާލައިފި!

އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަންގެ އާ ފިލްމު "އަހުޝަމް" ގެ ޓީޒާ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.

ސީޒަން އާއި އައިމިނަތު ރިޝްފާ އަދި އަހުމަދު ސައީދު އާއި އާރިފާ އިބްރާހިމްގެ އިތުރުން މުހައްމަދު މަނިކު ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ "އިނގިލި" އާއި "މިކޮއެ ބައްޕަ ބައެ ބައެ" ގެ ސްކްރީންރައިޓަރު މަހުދީ އަހުމަދު އާއި އޭނާގެ ސްކްރީންރައިޓިން ޕާޓްނަރެއްގެ ގޮތުގައި މަޝްހޫރުވަމުން އަންނަ އަހުމަދު ޒަރީރުގެ ސްކްރިޕްޓަކަށް އުފައްދާ ފިލްމެކެވެ.

ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ފުރަތަމަ ޓީޒާ ޓްރެއިލާ އާންމުކޮށް ދައްކާލާފައިވާއިރު ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށް ފިލްމުގައި "ބޮލީވުޑްގެ ޕޮލިސް ފިލްމުތަކުގެ" ރަހަ ވަރަށް ވެސް ގަދަ އެވެ. އެގޮތުން މަތިމަސްލީ ސީޒަންއެއް ފެންނަނީ ރަށެއްގައި ހިނގާ ހަމަނުޖެހުންތަކެއް މައިތިރިކުރުމަށް "ދަބަންގް" އާއި "ސިންގަމް" ފަދަ ފިލްމުތަކުގައި ސަލްމާން ޚާން އާއި އަޖޭ ދޭވްގަން ދެއްކި "ގަޓު" ކުރިއަށް ނެރެގެން މަސައްކަތްކުރާ ގޮތެވެ.

 

ފިލްމުގައި ސީޒަން ކުޅެނީ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެއް އިންޗާޖެއްގެ ރޯލެވެ. ފިލްމުގައި އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނޭއިރު ސިޔާސީ ރޯގާ އާއި އާއިލީ ހަލަބޮލިކަމާއި ރޮމޭންސް ވެސް ހަމަ އެ ވަރަށް ދައްކުވައިދޭނެ ކަމަށް ބުނެވެ އެވެ.

"އަހުޝަމް" ޝޫޓްކޮށްފައި ވަނީ ހދ. ކުޅުއްދުއްފުށީގަ އެވެ. ސީޒަން އޭނާގެ މި ފިލްމު ސިފަކުރަނީ އެކްޝަން ލަވް ސްޓޯރީއެއްގެ ގޮތުގަ އެވެ.

ޓީޒާ އަށް ބަލާއިރު އަދި ފިލްމަށް ކޮށްފައިވާ މަސައްކަތާއި ޚަރަދަށް ބަލާއިރު މިއީ އާދައިގެ ފިލްމެއް ކަމަކަށް ނުބެލެވެ އެވެ. މި ފިލްމުގެ ބަޖެޓް ވެސް 1.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.

"އަހުޝަމް" ޕްރިމިއާކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ހައެއްގަ އެވެ. މި ފިލްމުގެ މަސައްކަތަށް ސީޒަން އާއި އޭނާގެ ޓީމު ނުކުތީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.