ހަބަރު

އިމްރާން، އިންޑިއާގެ ހޯމް މިނިސްޓަރާ ބައްދަލްކުރައްވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޑިޔާގެ ހޯމް މިނިސްޓަރު އަމިތް ޝާހުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އިންޑިޔާގެ ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ހޯމް މިނިސްޓްރީގައެވެ. އިންޑިޔާގެ ހޯމް މިނިސްޓަރުގެ ރަސްމީ ދައުވަތަކަށް އިމްރާން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމު ކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މަޝްވަރާތަކުގައި ދެ ގައުމުގެ ހޯމް މިނިސްޓްރީ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި، އެހީތެރިން ބަދަލު ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އެގޮތުން ދެ ގައުމުގެ ދާހިލީ ސަލާމަތާއި ހަމަ ޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. ވަކިން ހާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރު އިމްރާން ވަނީ އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަތުލް ކަރްވާލްގެ އިތުުރުން އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.