އިމްރާން އަބްދުﷲ

އިމްރާން އިންޑިއާއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޑިޔާއަށް ވަޑަައިގެންފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އިމްރާންގެ މި ދަތުރުފުޅަކީ އިންޑިޔާގެ ހޯމް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުުފުޅެއް ކަމަށެވެ.

ރާއްޖެއިން ފުރާވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ މި ދަތުރުގެ ތެރެއިން އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ދާހިލީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި އިންޑިއާއިން އަަބަދުވެސް އެހީތެރިވެދީފައިވާ ކަމަށާ މީގެ އަހަރުތަކެއް ކުރިން އެ ގުޅުން ހީނަރުވީނަމަވެސް އަލުން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ އަރިހުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ރާއްޖޭގެ ގުޅުން ހީނަރުވީ ނަމަވެސް މި ސަރުކާރުން ވަނީ އެ ގައުމާ ވަރަށް ހާއްސަ ގާތް ގުޅުންތަކެއް އުފައްދާފައެވެ. ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަދި ސަރުކާރުގެ ވަޒީރުން ގެންދަވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވަމުންނެވެ. އަދި މަޖިލީހުގެ ރައީސާއި، މަޖިލީސް މެންބަރުންވެސް އިންޑިއާއަށް ވަޑައިގެންފައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ އެންމެ އިސްވެރިންވެސް ރާއްޖެ ވަޑައިގެންފައިވެއެވެ.