ތަރައްގީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ރާއްޖޭގެ ރަށްތައް ފަޅުވެގެން އެކަނި ދިޔުން ނޫން ކަމަށާއި އެކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަން އޮތީ މާލޭން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތޮށްޖެހުމާއި އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެފައި އޮތް މާލެ އަށް އޮތް އެންމެ ބޮޑު ހައްލަކީ ލާމަރުކަޒީ އުސޫލު ކަމަށެވެ.
އެގޮތުން، އެންމެ އަސާސީ ހިދުމަތް ލިބިގަތުމަށް ރާއްޖޭގެ ރައްޔިތުން މާލެ އަށް ޖަމާވާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ތަރައްގީގެ ނަމުގައި ކުރި ކަންކަމުން ރައްޔިތުންނަށް އޭގެ ފައިދާ ނުލިބި މާލެ އަށް ލިބުނު ނިކަމެތިކަމަކީ ތަރައްގީ ކަމުގައި ދައްކާ ކަމަށެވެ. އަދި، ރައްޔިތުންގެ ހިތްތަކުގައި ރަށު ތަރައްގީއަށް އޮތް އުއްމީދު ފަނޑު ކޮށްލި ވިސްނުމަކީ ތަރައްގީއަށް އެޅިފައި އޮތް ބޮޑު ހުރަހެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް، ދިވެހިންގެ އެތައް ޖީލެއް އޮތީ މާލޭގައި ކަމުން ހައްލު ހޯދެން އަންނަނީ މާލެ އަށް ވެސް ހައްލު ހޯދައި ދެވިގެން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
"މާލޭގަައި މިއަދު އެބަ އުޅޭ ރާއްޖޭގެ ރަށްރަށުގެ އެކި ޖީލްތަކުގެ މީހުން. މާދަން އެނބުރި ދާނެ ތަނެއް، ގޯއްޗެއް ގެދޮރެއް ނެތް އާއިލާތަކެއް އެބަ އުޅޭ. އެހެންކަމުން މި ކަންކަން ބަހުސަކަށް ހަދާ ތިލަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިއީ އެންމެން އެކުގައި ހައްލު ކުރަން ޖެހިފައި އޮތް ގައުުމީ މައްސަލަ އެއް"
އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރަށް އައި އިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބެން އޮތީ 40 ރަށުގައި ކަމަށާއި މިއީ މަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ރިޔާސީ ވައުދުގެ ދަށުން ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ މުހިއްމުކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތައް ތަަންފީޒް ކޮށް މޮނިޓާ ކުރެވޭނީ ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބުކޮށްގެން ކަމަށެވެ. އަދި، ކައުންސިލް އިންތިހާބަށް އެމްޑީޕީ އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި ހިނގާ އަހަރު ތެރޭގައި ރާއްޖޭގައި 500 އަށް ވުރެ ގިނަ މަޝްރޫއު ސަރުކާރުން ހިންގުމަށް ވަނީ ނިންމާފައި ކަމަށް މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.