ޑރ. މުހައްމަދު މުއިއްޒު

އެމްޑީޕީއަށްވެސް ފައިދާވާނީ އަޅުގަނޑު ހޮވައިގެން: މުއިއްޒު

މާލެއަށް ބަދަލެއް ގެނެސް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުވާން އެދޭނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެންބަރުންވެސް ވޯޓް ދޭންވީ އިދިކޮޅު ކެންޑިޑޭޓަށް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމުން ކުރިމަތިލައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާނީ މުއިއްޒު ކަމަށް އިއުލާނު ކުރިފަހުން މިއީ އެކަމާ ގުޅޭގޮތުން މުއިއްޒު ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާ އެ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

އޭނާއަކީ މާލޭގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ ކެންޑިޑޭޓް ކަމަށާ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ލިބުނު ތަޖުރިބާގެ އަލީގައި މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ހަތް އަހަރު ދުވަހުގެ ތެރޭގައި އެތައް ސަތޭކަ ގެއަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާ އެ ރައްޔިތުން ދިރިއުޅޭ ހަގީގީ ހާލަތު ވަރަށް ގާތުން ފެނިފައިވާ ކަމަށެވެ.

"ކަން ދިމާކުރި ގޮތުން ވަރަށް ގިނަ ގޭގެއަށް ޒިޔާރަތް ކުރުުމުގެ ފުރުސަތު ލިބުނު. ހަގީގަތުގައިވެސް އެތައް ސަތޭކަ ގެއަކަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިފައިވޭ. އެހެންވީމަ މާލޭގައި ރައްޔިތުންގެ ދިރިއުޅުން ވަނީ ވަރަށް ގާތުން ފެނިފައި. އެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުމަށްވެސް އެތައް މަސައްކަތްތަކެއް ވަނީ ކުރެވިފައި." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލެއަށް އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާ އެ މައްސަލަ ހައްލު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ފަށާފައިވާ ކަމަށެވެ. އެގޮތުން 9،000 ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުންވާނީ ހަވާލު ކުރެވިފައި ކަމަށާ އެއީ ހައްގުވެރިންނަށް ދީފައިވާ ލިޔުންތަކެއް ކަމަށެވެ.

އެ ރައްޔިތުންގެ ހައްގުތައް ގެއްލުމުގެ ފުރުސަތު މިހާރު އެބައޮތްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާ މޭޔަރުކަމަށް އިންތިހާބުކޮށްފިނަމަ ސަރުކާރާ މަޝްވަރާކޮށް އެއްވެސް ރައްޔިތެއްގެ ހައްގު ނުގެއްލޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ވަަރަށް އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރާ މީހެއް. އެހެންވީމަ ރައްޔިތުންގެ ހައްގުގައި އެ މަގާމަށް [މޭޔަރު ކަމަށް] ހޮވިއްޖެނަމަ ކޮންމެ ބަޔަކާއެކުވެސް އަޅުގަނޑަށް މަސައްކަތް ކުރެވޭނެ، މަޝްވަރާ ކުރެވޭނެ، ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހަން ކެރޭނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުންވެސް އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީގެ މެންބަރުންވެސް ވިސްނަންވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ މީހަކަށް ފުރުސަތު ދިނުމަށް ކަމަށެވެ. އެކަންކަން ހައްލު ވެއްޖެނަމަ އެއީ އެމްޑީޕީގެ މެންބަރުންނަށްވެސް ލިބޭނެ ހިތްހަަމަޖެހުމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެމްޑީޕީއަށްވެސް އެންމެ ފައިދާ ބޮޑުވާނީ އޭނާ އެ މަގާމަށް އިންތިހާބު ކޮށްގެން ކަމަށެވެ.

"ޕާޓީ ލައިނުން ވިސްނުމަށްވުރެ މިފަހަރު މުހިންމީ، މި މާލޭގެ ކަންކަން ހައްލު ކުރެވޭނެ މީހަކު ހޮވުން. ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވިސްނާލަން ޖެހޭ ކަމަކީ އަޅުގަނޑު މި މަގާމަށް އިންތިހާބުކޮށްގެން މާލެއަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ ކްރެޑިޓް އަޅުގަނޑާ، ޕީޕީއެމްއަށްވުރެ މާ ބޮޑު ކްރެޑިޓެއް މި ސަރުކާރަށްވެސް ލިބޭނެ ކަން." މުއިއްޒު ވިދާޅުވިއެވެ.