ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކައުންސިލް އިންތިހާބުގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު މަދުކަން ފާހަގަކޮށް ފާޑުކިޔައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާ އޮތީ ކާނިވާގަ އެވެ. މީގެ ކުރިން އެތައްހާސް ބަޔަކާއެކު ބޮޑެތި ޖަލްސާތައް ބޭއްވުމުގެ ރެކޯޑް އޮތް އެމްޑީޕީން މިރޭ ބޭއްވި "ރަށްވެހި ފަތިސް" ކައުންސިލް އިންތިހާބުގެ ކެންޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާއަށް ދިޔަ މީހުންގެ އަދަދު އެހެން ޖަލްސާތަކަށްވުރެ މަދެވެ.
އެގޮތުން ޖަލްސާ ބޭއްވި ސަރަހައްދުގައި ޖަހާފައިވާ ވަރަށް ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. ޖަލްސާ ފެށިގެން ނިމުމާ ހަމައަށްވެސް އެތައް ގޮނޑިއެއް ހުހަަށް ހުއްޓެވެ.
ކައުންސިލް އިންތިހާބުގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް އެމްޑީޕީން މިރޭ ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ޖަލްސާ ބާއްވާފައެވެ. އަދި އެ ޖަލްސާތަކުގައި ބައިވެރިވުމަށް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލީސް މެންބަރުން ވަނީ އެކި ރަށްރަށައް ވަޑައިގެންފައެވެ. ޖަލްސާގައި މީހުން އެހާ މަދީ އެހެންވެގެން ކަމަށް ބެލެވެއެވެ. މިރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީން ބޭއްވި ޖަލްސާތަކުގައި ޕާޓީގެ ފަރާތުން ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ވަނީ ވާހަކަ ދައްކާފައެވެ.
މާލޭގައި ބޭއްވި ޖަލްސާއަށް ދިޔަ މީހުންގެ އަދަދު މަދުވުމުން އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ޖަލްސާ ކުރިއަށްދިޔައިރު ހުސް ގޮނޑިތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އެތައް ބަޔަކު ގެންދިޔައީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ބައެއް މީހުން ބުނީ ސަރުކާރަށް މިވީ ދުވަސްތަކުގައި ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ގެނެސްދެވިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅިންވެސް ފެންނަނީ ވައުދުވީ ކަންކަމާ ދިމާ އިދިކޮޅަށް މަސައްކަތް ކުރާ މަންޒަރު ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި މިއީ ރައްޔިތުން މާޔޫސްވެފައިވާތީ ފެނުނު މަންޒަރެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.