ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅު ވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭން ފެށުމާއި ގުޅިގެން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީ ވެސް އަދި ނިޒާމް ހިންގަން ބޭނުން ވަނީ އެމްޑީޕީއިން ކަމަށެވެ. އަދި އެނިޒާމް ހިންގަން އެނގޭނީ އެމްޑީޕީއަށް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި، އެ ދަރިއަށް އެމްޑީޕީއިން ދެރައެއް ނުދޭނެކަމަށެވެ. އަދި އެދަރި ދޫކޮށް ނުލާނެކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން މިރޭވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.
މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެ ކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީ ގާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާއީދު ނުކުރާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
"އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދި. އެހެންކަމުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކަށް އެމްޑީޕީ ނޫން އެހެން ކެންޑިޑޭޓުން ހޮވޭ ތަނެއް ނުފެނޭ، އަދި ހޮވަން ޖެހޭ ސަބަބެއްވެސް ނެތް." ޝާހިދު ވިދާޅުވި އެވެ.