ވިޔަފާރި

ރާއްޖޭގެ ދަރަނި 67 ބިލިއަން ރުފިޔާ އަށް

Feb 22, 2020
21

ރާއްޖޭގެ ދަރަނި 67 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކު ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރާއްޖޭގެ ދަރަނީގެ މައުލޫމާތު ތަކުން ދައްކާ ގޮތުގައި 2018 ނިމުނުއިރު ދައުލަތުގެ ބަޖެޓުގެ ސީދާ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 54 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 59 ޕަސެންޓުން އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދައުލަތުގެ ދަރަނި (ގެރެންޓީކޮށްފައިވާ ދަރަނި ހިމެނޭ ގޮތަށް) 2018 ވަނަ އަހަރު ނިމުނުއިރު 59 ބިލިއަން ރުފިޔާގައި ހުރިއިރު 2019 ގެ ނިޔަލަށް މި އަދަދު ވަނީ 67 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 76 ޕަސެންޓުގެ އިތުރު ވުމެކެވެ.

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުމުއިރު ގެރެންޓީކޮށްފައިވާ ދަރަނި ހިމެނޭ ގޮތަށް ބޭރުގެ ދަރަނި އުޅެނީ 33 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 39 ޕަސެންޓެވެ.

ރާއްޖޭގެ ދަރަނި މަތިވަމުންދާކަމުގެ ކަންބޮޑުވުން އަބަދު ވެސް ދުނިޔޭގެ މާލީ އިދާރާ ތަކުން ކުރެ އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރީގައި ލޯނަަށް ބަރޯސާވުން ކުޑަކުރާނެ ކަމަށް ދިޔައީ ބުނަމުންނެވެ. ނަމަވެސް މި ސަރުކާރުން ވެސް ދަނީ ލޯނު ނަގަމުންނެވެ.